ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ދަރިފުޅު އިރާ ޚާން އެންގޭޖްވެއްޖެ އެވެ.
އުމުރުން 25 އަހަރުގެ އިރާ 2020 އިން ފެށިގެން ރައްޓެހިވެގެން އުޅެނީ ފިޓްނެސް ޓްރެއިނަރެއް ކަމަށްވާ ނުޕޫރް ޝިކާރޭ އެވެ. އަދި މި ދެ މީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާގެ ރުހުން ވެސް ވަރަށް ބޮޑަށް ލިބިފައިވެ އެވެ. އިރާ އާއި ނުޕޫރް އެންގޭޖްވިކަން ހާމަކުރީ ދެ މީހުންގެ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގަ އެވެ.
އޭގައި ފެންނަނީ އިވެންޓެއްގެ ތެރޭގައި ކުޅިބަލަން އިރާ ހުއްޓައި ނުޕޫރް ކައިރި އަށް ގޮސް ހުއްޓި، ބައްދައިލުމަށް ފަހު، ކުޑަކަކުލަށް ތިރިވެ، އިރާ އަށް ޕްރޮޕޯޒްކޮށް އިނގިލީގައި އަނގޮޓި އަޅުވާ ތަނެވެ. އެ ވީޑިއޯގައި ޕްރޮޕޯޒްކުރުމުން އިރާ "ޔެސް" އޭ ބުނާ އަޑު ވެސް އިވެ އެވެ.
އިރާ އަކީ އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާ އެވެ. އާމިރާއި ރީނާ ދައްތާ އަށް ލިބުނު އަނެއް ކުއްޖާ އަކީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ޖުނައިދު ޚާން، 29، އެވެ. އާމިރާއި ރީނާ 1986 ގައި ކުރި ކައިވެނި ރޫޅުނީ 2002 ގަ އެވެ.
އޭގެ ފަހުން އާމިރު ކައިވެނިކުރީ ޑައިރެކްޓަރު ކިރަން ރާއޯ އެވެ. އެކަމަކު 2005 ގައި ކުރި ކައިވެނި މިދިޔަ އަހަރު ވަނީ ރޫޅައިފަ އެވެ. އެ ކައިވެންޏަށް ސަރޮގޭޓްކޮށްގެން ހޯދި ފިރިހެން ދަރިއަކު ވެސް އެބަ ހުއްޓެވެ. އެއީ 10 އަހަރުގެ އާޒާދު ރާއޯ ޚާނެވެ.