Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ފޭދޫ ޕާކް މި އަހަރު ނިންމާނެ: ސަލްމާ

ޔޫތު މިނިސްޓްރީގެ އެހީގައި އައްޑޫގައި ހަދަން ނިންމި ކުޑަކުދިންގެ ޕާކްތަކުގެ ތެރެއިން މިހާތަނަށް މަސައްކަތް ނުފެށި އޮތް ފޭދޫ ޕާކްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް އެ އަވަށު މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީން އައްޑޫގައި ކުޑަކުދިންގެ ޕާކްތަކެއް ހަދަން 2020 ގައި ނިންމައި އެކަމަށް ބޭނުންވާ ސެޓަޕްތަކާއި އެތަކެތި އިންސްޓްރޯލްކުރާނެ ބަޖެޓް ހަމަޖައްސައި ދީފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން ފޭދޫގެ އިތުރުން މަރަދޫ އާއި ހިތަދޫގައި ޕާކްތަކެއް ހަދަން ނިންމި އެވެ. މީގެ ތެރެއިން ފޭދޫ ފިޔަވައި އަނެއް ދެ އަވަށުގެ ޕާކްތައް ވަނީ ނިންމައިފަ އެވެ.

ޕާކްތަކުގެ ސެޓަޕްތަކާ އެކީ ކައުންސިލުން އިންސްޓަލޭޝަނަށް ކޮންމެ އަވަށަކަށް ދިނީ 10،000ރ. ގެ ބަޖެޓެކެވެ. ނަމަވެސް ޕާކް ހެދި ދެ އަވަށުގައި އެ މަސައްކަތްކުރީ އެއަށް ވުރެ ބޮޑު ހަރަދެއްކޮށްގެންނެވެ. އެގޮތުން މަރަދޫ ޕާކް ނިންމަން 180،000ރ. ވަރު ހޭދަކޮށްފައިވެ އެވެ.

ފޭދޫ ޕާކްގެ އެއްވެސް މަސައްކަތެއް މިހާތަނަށް ފެށިފައި ނުވާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ސަލްމާ "އައްޑޫ ލައިވް" އަށް ވިދާޅުވީ އެ މަސައްކަތް ނުފެށި އޮތީ ބަޖެޓްގެ ތާށިކަމާ ހެދި ކަމަށެވެ. އަދި ފޭދޫގެ އެ ޕާކް ހަދަން ނިންމާފައި ވަނީ ހިއްކި ބިމުގައި ކަމަށްވާތީ އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ވިދާޅުވި އެވެ.

"ޕާކް ހަދަން ނިންމީ ރަށުތެރޭގައި ނަމަ އަަޅުގަނޑުމެންނަށް ސެޓަޕް ގެންގޮސް ބެހެއްޓި ވެސް ދާނެ. އެކަމަކު މި ޕާކަކީ އަލަށް ހިއްކާފައި އޮތް ބިމެއްގައި ހަދާ ތަނަކަށްވާތީ ސެޓަޕް އިންސްޓަލޭޝަންގެ ކުރިން ކުރަން ޖެހޭ ކަންކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ. "އޭގެ ތެރޭގައި ޕާކްގެ ވަށައިގެން ފާރު ރޭނުމާއި އެތަނަށް ކަރަންޓް ލިބޭނެ ގޮތް ހެދުމާއި ބިން އެއްވަރުކޮށް، ތަކެތި އިންސްޓޯލްކުރަން ބުޑު އެޅުން ފަދަ ކަންކަން ހިމެނޭ."

ސަލްމާ ވިދާޅުވި ގޮތުގައި ޕާކް ސެޓަޕް އިންސްޓޯލްކުރަން ޔޫތު މިނިސްޓްރީން ދީފައި އޮތް ބަޖެޓަކުން އެކަމެއް ކުރެވޭނެ އެވެ. އަދި ސެޓަޕް ބަހައްޓައި ނަމެއްގައި ޕާކެއް ހެދި ގޮތަށް އެކަން ކުރަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ އަވަށު އޮފީހުގެ ބަޖެޓުން އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް މި އަހަރުގެ ތެރޭގައި ޕާކް ނިންމާނެ ކަމަށް ސަލްމާ ވިދާޅުވި އެވެ.

"ފުރިހަމަ ޕާކެއް ހަދަން ބޭނުން ވަނީ. ނަމަކަށް މިކަހަލަ ކުރުމުގެ ބޭނުމެއް ނެތް،" ސަލްމާ ވިދާޅުވި އެވެ. "ޕާކަކީ ރަށިގެ ރައްޔިތުންނަށް ބޭނުންތެރި ކަމަކަށްވާތީ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭ ގޮތަށް ޕާކް ހަދަން ބޭނުން ވަނީ."

އޭނާ ވިދާޅުވީ އަވަށު އޮފީހުގެ ބަޖެޓަކުން މި އަހަރު ފޭދު އަށް އެންމެ އިސްކަން ދިން ކަމަކީ ބަނދަރުގައި އިތުރު މޫޓްތަކެއް ޖެހުން ކަމަށެވެ.

"އެ މަސައްކަތް ފިޔަވައި ދެން މި އަވަށުން އިސްކަންދޭ އެއް ކަމަކީ ހަމަ ޕާކް ހެދުން. އެހެންވީމާ މި އަހަރުގެ ނިމުމުގެ ކުރިން އެ މަސައްކަތް އަޅުގަނޑުމެން ނިންމާނަން." ސަލްމާ ވިދާޅުވި އެވެ.

ފޭދޫގެ އާ ޕާކް ހަދަން ނިންމާފައި ވަނީ ފޭދޫ ހިއްކި ބިމުން މަރަދޫފޭދުއާވީ ކޮޅުން ހިއްކި ބިމުގަ އެވެ.