Last Updated: December 6, 23:06
Wednesday, December 6, 2023
މުނިފޫހިފިލުވުން

ރާލިއާ "ބުރައްމަސްތުރާ" ކުޅުނީ ހިލޭ

ބޮކްސް އޮފީހުގައި މިހާރު ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ބުރައްމަސްތުރާ" ގެ ލީޑް ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެ ފިލްމު ކުޅުނީ އެއްވެސް އަގެއް ނުނަގައި ހިލޭ ކަމަށް ޑައިރެކްޓަރު އަޔާން މުކަރްޖީ ބުނެފި އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ކޯމަލް ނަހަޓާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެ ދެ ތަރިން ފިލްމަށްޓަކައި ވި ގުރުބާނީ ދުވަހަކު ވެސް ހަނދާން ނައްތައިނުލާނެ ކަމަށެވެ. އަދި ރަންބީރާއި އާލިއާ ފަދަ ތަރިންގެ ސަޕޯޓް ލިބިގެން ނޫނީ "ބުރައްމަސްތުރާ" ކަހަލަ ފިލްމެއް ހެދުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ ކަމަށް ބުންޏެވެ.

އަޔާން އަކީ ރަންބީރްގެ ބެސްޓްފްރެންޑެވެ. އޭނަ ޑައިރެކްޓްކުރި ފުރަތަމަ ދެ ފިލްމުގެ ބަތަލަކީ ވެސް ރަންބީރެވެ. އެއީ 2011 ގެ "ވޭކަޕް ސިދު" އާއި 2013 ގެ "ޔެ ޖަވާނީ ހެ ދީވާނީ" އެވެ.

އަޔާން ބުނި ގޮތުގައި ރަންބީރް "ބުރައްމަސްތުރާ" އިން ފީއަށް އެންމެ ފައިސާ ފޮއްޗެއް ވެސް ނަގާފައި ނުވާ އިރު، 2017 ގައި އިއުލާންކުރި ފިލްމަށް އާލިއާ ސޮއިކުރި އިރު ލިބުނު ފައިސާ ވެސް ފަހުން އެއްކޮށް ހޭދަކުރީ ފިލްމުގެ މަސައްކަތަށެވެ.

"އެހެންވީމެ އެ ދެ ތަރިންގެ އެ ގުރުބާނީ އަކީ ބުރައްމަސްތުރާ ހަގީގަތަކަށްވުމުގައި ވަރަށް ބޮޑު ބާރެއް. އަހަންނަކަށް ހިއެއް ނިވޭ ފިލްމަކަށް ތަރިންތަކެއް މިވަރުގެ ގުރުބާނީއެއް ވެދާނެއެކޭ،" އޭނާ ބުންޏެވެ. "އަހަރެން ބުނާނީ އާލިއާ އާއި ރަންބީރްގެ ފަރާތުން ލިބުނު ސަޕޯޓާއި އެހީ ނުލިބުނު ނަމަ ބުރައްމަސްތުރާ ނެހެދުނީސްއޭ."

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ބުރައްމަސްތުރާ: ޕާޓް ވަން-ޝިވާ" އަކީ އަޔާން ގެނެސްދޭން ނިންމާފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ ބޮލީވުޑްގައި މިހާތަނަށް އެެންމެ ބޮޑު ބަޖެޓަކުން ހެދި ފިލްމެވެ. އެގޮތުން ފިލްމަށް 410 ކްރޯޑް ރުޕީސް (51 މިލިއަން ޑޮލަރު) ހޭދަވި ކަމަށް އޭގެ ވިކިޕީޑިއާ ޕޭޖްގައި ވެސް ބުނެފައިވެ އެވެ.

މި މަހުގެ 9 ގައި ރިލީޒްކުރި ފެންޓަސީ އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 358.62 ކްރޯޑް ރުޕީސް (44.2 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.