އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބު އަނެއްކާ ވެސް ކުޑަކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މި މަހުގެ 20 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 5،777.45ރ. ވެ. މިއީ މި އަހަރުގެ ޖޫން މަހު މުދަލުގެ ނިސާބަށް ކަނޑައެޅި މިންވަރަށް ވުރެ 618.80ރ. ކުޑަ ވުމެކެވެ. އޭރު މުދަލު ޒަކާތް ވާޖިބުވާ ނިސާބަކަށް ކަނޑައެޅީ 6،396.25ރ. އެވެ.
އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 7،241.15ރ. އެވެ.
އާންމުކޮށް މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. އަދި ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިންނެވެ.
ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ވާޖިބެކެވެ.