Last Updated: May 30, 17:55
Tuesday, May 30, 2023
ދުނިޔެ

ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ޔޮހާނީ

ސްރީ ލަންކާ އަށް ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރުކުރުމަށްޓަކައި ހިންގާ ޕްރޮމޯޝަންތަކުގައި އެ ގައުމުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ އާއި ކުރީގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިއާ ބައިވެރިކުރާ ގޮތަށް ނިންމައިފި އެވެ.

އާންމުންގެ ތެރޭގައި މަޝްހޫރު މި ދެ ތަރިންނާ އެކީ އިންޑިއާގައި ރޯޑްޝޯތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ފުރަތަމަ ރޯޑްޝޯ އޮންނާނީ މި މަހުގެ 26 ގައި ނިއު ދިއްލީގެ ތާޖު ޕެލަސް ހޮޓެލްގަ އެވެ. އަދި ދެވަނަ ރޯޑްޝޯ އޮންނާނީ މި މަހުގެ 28 ގައި މުމްބާއީގެ އެސްޓީ ރެޖިސް ހޮޓެލްގަ އެވެ. ތިން ވަނަ ރޯޑްޝޯ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ގައި ހައިދަރުއާބާދުގެ ކްރިޝްކާ ތާޖު ހޮޓެލްގަ އެވެ.

ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ޔޮހާނީ ބައިވެރިވާ އިރު، އޭނަ މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ލަވަ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން އަންނަ މަހު ރިލީޒްކުރާ ބޮލީވުޑްގެ ފިލްމު "ތޭންކް ގޯޑް" ގައި ހިމަނައި، އެ ލަވައިގެ ވީޑިއޯ ވެސް އާންމުކޮށްފައިވެ އެވެ. އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ފިލްމުގައި ހިމެނޭ ލަވައިން ފެންނަނީ ނޯރާ ފަތުހީ އާއި ސިދާރު މަލްއުތުރާ އެވެ.

އިންދަރް ކުމާރު ޑައިރެކްޓްކޮށްފައިވާ "ތޭންކް ގޯޑް" ގެ ކާސްޓްގައި އަޖޭ ދޭވްގަނާއި ރަކުލް ޕްރީތު ސިންގް ވެސް ހިމެނެ އެވެ.

އިންޑިއާގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ބާއްވާ ހަރަކާތްތަކުގެ އިސްވެރިއަކަށް ހުންނަވާނީ ޓޫރިޒަމް މިނިސްޓަރު ހަރީން ފެނާންޑޯ އެވެ. އެގޮތުން ރޯޑްޝޯ އަށް ލަންކާގެ 50 މީހުންގެ ޓީމެއް އިންޑިއާ އަށް ދާނެ އެވެ. ރޯޑްޝޯތަކުގައި ލަންކާގެ ޓޫރިޒަމާ ވަރަށް ފުޅާކޮށް މައުލޫމާތު ފަތުރާނެ އެވެ.

މި ރޯޑްތަކުގައި ސްރީ ލަންކަން އެއާލައިންސާއި މާސްޓަކާޑްގެ އިތުރުން ގިނަ އަދަދެއްގެ ޓްރެވެލް އޭޖެންސީތަކުން ބައިވެރިވާނެ އެވެ.