Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ޕީޖީއަކަށް ޝަމީމް އެކަށީގެނެއް ނުވޭ: ޒައިދު

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމުގައި މިހާރު ހުންނެވި ހުސައިން ޝަމީމް އެ މަގާމަށް އެކަށީގެން ނުވާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ކުށް ސާބިތުގެ އިއްޔެ އަހަރަކާއި ދެ މަހަށް ޖަލަށްލާން ހުކުމް ކުރި ކުރީގެ ފުލުސް މީހާ، އަބްދުއްރަހުމާން ރައުފު (ދޮންދިގު) ގެ އަބަދު ލުއިކުރަން ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޖީގެ ކިބައިގައި ބިރުވެރިކަމެއް ނެތުމުގެ އިތުރަށް ލަދުވެތި ކަމެއް ވެސް ނެތީތޯ ސުވާލު ކުރައްވައިފަ އެވެ.

"[އެހެންވީމަ] މިހާރުގެ ޕީޖީ އަކީ އެ މަގާމުގައި ބަހައްޓަން އެއްގޮތަކަށް ވެސް އެކަށީގެންވާ ބޭފުޅެއް ނޫންކަން މިހިރަ ދަނީ ފާޅުވަމުން،" އޭނާ ވިދާޅުވި އެވެ. "ކޮން ފަދަ ޖަރީމާތަކެއް ފާޅުގައި މި ހިންގަނީ؟"

އަލަމްގީރާ އެކީ ގުޅުން ހިންގި މައްސަލާގައި ދޮންދިގަށް ޖަލު ހުކުމެއް އައި އިރު، ހަމަ މިފަދަ ދައުވާއަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރަށް އިއްވާފައި ވަނީ ހަތަރު މަހުގެ ގޭބަންދު ހުކުމެކެވެ.

އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ދެން ދައުވާކޮށްފައި ވަނީ މުހައްމަދު ނަޝީދު (ކާނަލް) އަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ދޮންދިގަށް ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމީ އަދަބު ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހޭތީ ކަމަށެވެ. މި މައްސަލާގައި ދައުލަތުން އެދުނީ އަސާސީ އަދަބެއްގެ ގޮތުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.