Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީރަޖް "ޖަލަކް ދިކްލާ ޖާ 10" އިން ވަކިވެއްޖެ

ކަލާޒް ޗެނެލުން ގެނެސްދޭ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ސީޒަން 10 ގެ ބައިވެރިންގެ ތެރެއިން ޓީވީ އެކްޓަރު ދީރަޖް ދޫޕަރް އެ ޝޯ އިން ވަކިވެއްޖެ އެވެ.

މަހެއްހާ ދުވަހު ޝޯގައި ހޭދަކޮށްފައި އޭނާ ޝޯ އިން ވަކިވާން ނިންމީ މީގެ ހަފުތާއެއް ކުރިން ރިހާސަލްގެ ތެރޭގައި އަނިޔާވެ، ކުރިމަތިވި ސިއްހީ ހާލަތާ ހެދި ފަރުވާ އަށް ވަގުތު ބޭނުންވާތީ އެވެ. އަނިޔާއާ އެކީ ޝޯގައި ކުރިއަށް ދެވެން ނެތިގެން ދީރަޖް ވަކިވާން ޖެހުނު އިރު، އޭނަގެ އާ ސިލްސިލާއެއް ކަލާޒް އިން ދައްކަން ފަށަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެއީ ސުރްބީ ޗަންދުނާއާ އެކީ ކުޅެފައިވާ "ޝެރުދިލް ޝެރުގިލް" އެވެ.

ދާދި ފަހުން ދަރިޔަކު ވެސް ލިބުނު 37 އަހަރުގެ އެކްޓަރަކީ ޒީޓީވީގެ ސިލްސިލާ "ކުންދަލީ ބަގިއާ" ގެ ކުރީގެ ލީޑް އެކްޓަރެވެ.

"ޖަލަކް ދިކްލާ ޖާ 10" އިން ދީރަޖް ވަކިވި އިރު، އޭނަ މިހާތަނަށް ޝޯގައި ޖަޖުންގެ ތައުރީފު ލިބުނު ހުށަހެޅުންތަކެއް ގެނެސްދީފައިވެ އެވެ. މި ޝޯގެ ޖަޖުންނަކީ މަދޫރީ ޑިކްސިޓާއި ކަރަން ޖޯހަރާއި ނޯރާ ފަތުހީ އެވެ.

"ޖަލަކް ދިކްލާ ޖާ 10" ގައި ވާދަކުރާ ސެލެބްރިޓީންގެ ތެރޭގައި ނިއާ ޝަރުމާ، ޕާރަސް ކަލްވަނަތު، ރުބީނާ ދިލައިކް، ގަޝްމީރު މަހާޖާނީ، ނިތީ ޓޭލާ، ޝިލްޕާ ޝިންޑޭ، އަލީ އަސްގަރް، ފައިސަލް ޝައިހް، އަމްރުތާ ކަންވިލްކަރް، ގުންޖަން ސިންހާ އަދި ޒޮރާވަރް ކަރްލާ ހިމެނެ އެވެ. މިއިން ކޮންމެ ބައިވެރިޔަކު ވެސް ޝޯގައި އެ މީހުންގެ ހުނަރު ދައްކާނީ ކޮންމެ މީހަކަށް ހާއްސަ ކޮރިއޮގްރަފަރާ އެކީގަ އެވެ.