Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

އައްޑޫގައި ބޯހިމެނުން ހުއްޓާލައިފި، ވަރަށް ދޯހަޅި!

އައްޑޫ ހުޅުދޫގެ ބޯހިމެނުމުގެ ޓީމް.

އައްޑޫގައި ބޯހިމެނުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ މަސައްކަތް ހުއްޓާލައިފި އެވެ.

އެނގިފައިވާ ގޮތުގައި ގައުމީ ފެންވަރުގައި ހިންގާ ބޯހިމެނުގެ ހަރަކާތް މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް ސަރަހައްދުގައި ހުއްޓާލި އިރު، އަވަށްތަކުގެ އާބާދީގެ 10 ޕަސެންޓްގެ މައުލޫމާތު ވެސް އެކަށީގެންވާ ގޮތަކަށް ނެގިފައެއް ނުވެ އެވެ. ބޯހިމެނުގެ މަސައްކަތް މި މަހުގެ 13 ގައި ފެށުމަށް ފަހު ނިންމައިލާ ގޮތަށް އޮތީ މި މާދަމަ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އަންގައިގެން އައްޑޫގައި ބޯހިމެނުގެ މަސައްކަތް ހުއްޓާލީ އެ މަސައްކަތް ނިންމަން އޮތް ދުވަހަށް ވުރެ ތިން ދުވަސް ކުރިންނެވެ.

އެ މަސައްކަތުގައި އުޅުނު އެނިއުމަރޭޓަރުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އައްޑޫގެ ބޯހިމެނުން ފުރިހަމަ ނުވަނީސް ހުއްޓާލީ މާލޭގެ ބޯހިމެނުހުމަށް ބޭނުންވާ ޓެބްލެޓް މަދުވެގެން، އައްޑޫގައި ބޭނުން ކުރަމުން އައި ޓެބްލެޓްތައް ގެންދިއުމުގެ ގޮތުންނެވެ. މާލެ ސަރަހައްދުގެ ބޯހިމުން ނިންމާ ގޮތަށް މިހާރު އޮތީ މި މަހުގެ 27 ގަ އެވެ.

އެނިއުމަރޭޓަރުންތަކެއް ބުނި ގޮތުގައި ބޯހިމެނުގެ މަސައްކަތް މިހާ ދޯހަޅިކޮށް ޒިންމާދާރުކަން ކުޑަކޮށް އެ މަސައްކަތް ފުރިހަމަ ވެސް ނުކުރެވެނީސް ރާއްޖޭގެ ބޮޑު އާބާދީއެއް އޮތް ސަރަހައްދެއްގައި ހުއްޓާލަން ޖެހުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. އަދި މީގެ ސަބަބުން މި ފަހަރުގެ ބޯހިމެނުގައި އައްްޑޫގެ ސައްހަ މައުލޫމާތު ނުލިބި، ބޯހިމެނުގެ ތެރެއިން އެއްކުރަން ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް މަދުވެގެން ދާނެ އެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރި އެނިއުމަރޭޓުންތަކެއް ބުނި ގޮތުގައި އެ މީހުން ވަގުތު ހުސްކޮށްގެން ބޯހިމެނުގެ މަސައްކަތުގައި ބައިވެރިވީ ގަރާރެއްގައި ސޮއިކޮށްގެން ކަމަށް ވިޔަސް، މިހާރު މި ދިމާވި ގޮތުން ގަރާރާ އެއްގޮތަށް އެ މީހުންގެ މަސައްކަތް ވެސް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ގެއްލިގެން ގޮސްފަ އެވެ.

"އަނެއްކޮޅުން މިއީ އަޅުގަނޑުމެން ލިބެން އޮތް އެލަވަންސުން ވެސް ބައެއް އުނިކުރަން ކުރި ކަމެއް." އެނިއުމަރޭޓަރަކު ބުންޏެވެ.

އައްޑޫގެ ބޯހިމެނުމުގެ މަސައްކަތުގައި 200 އެއްހާ މީހުން އުޅުނެވެ.

ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާ ބޯހިމެނުން އައްޑޫގައި ހުއްޓާލި އިރު، މައުލޫމާތު ނަގަން ގޭބިސީތަކަށް ދާން ދިން ތާރީހަށް ވެސް ގިނަ ގެތަކަށް ޒިޔާރަތްކޮށްފައެއް ނުވެ އެވެ. އެގޮތުން އައްޑޫގެ އާބާދީ އާއި ގިނަ އަދަދެއްގެ ބިދޭސީން ވެސް އުޅޭ އައްޑޫގެ ބޯހިމެނުމުގެ މައުލޫމާތު އެއްކޮށް ނުނެގެނީސް ހުއްޓާލަން ޖެހުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ މީގެ އަށް އަހަރު ކުރިން 2014 ގަ އެވެ.