Last Updated: April 16, 13:21
Tuesday, April 16, 2024
ޚަބަރު

މީދޫ ކައުންސިލަރު ޤުރުއާން މުބާރާތެއް ބާއްވަނީ

އައްޑޫ މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ އަމިއްލަ ގޮތުން އިންތިޒާމުކޮށްގެން ބާއްވާ ޤުރުއާން މުބާރާތަކަށް ހުޅުވާލައިފި އެވެ.

އަންނަ ނޮވެމްބަރުގެ 10 ގައި ފަށަން ހަމަޖެހިފައިވާ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ "ޔޫސުފު ނައިބު ޤުރުއާން މުބާރާތް 2022" ގެ ނަމުގައި މީދޫގަ އެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް މިހާރު ދޫކުރަމުން އަންނަ އިރު، ފޯމް ދޫކުރާނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 31 އެވެ.

ބައިވެރިވާން އެދޭ ފޯމް ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ހުށަހަޅަން ޖެހޭނެ އެވެ. ފޯމް ހުށަހަޅަން ޖެހެނީ މީދޫ މަސާއުލްބަރުދު (ކަރީމް ސާ) އިންނެވެ. އަދި އެކަމަށް ހާއްސަ ނަމްބަރަކީ 7649530 އެވެ. މުބާރާތަށް އެދޭ ފޯމް ހުޅުދޫ އަވަށު އޮފީހާއި މީދޫ ނަސްރިއްޔާ ޕްރީ ސްކޫލާއި ޝަރީފީ ޕްރީ ސްކޫލްގެ އިތުރުން މަސާއުލްބަރުދުން ލިބޭނެ އެވެ. އަދި މުބާރާތުގެ ވިލަރެސް ކޮމިޓީގެ ވައިބަ ނަމްބަރު 7786362 އަށް މެސެޖްކުރުމުން ވެސް ފޯމާއި މިބާރާތުގެ ގަވައިދު ހިއްސާކޮށްދޭނެ އެވެ.

"ޔޫސުފު ނައިބު ޤުރުއާން މުބާރާތް 2022" ބާއްވަން ހަމަޖެހިފައި ވަނީ ހަތް އުމުރުފުރައަކަށް ބަހާލައިގެން، ބަލައިގެންނާއި ނުބަލައި ކިޔަވާ ގޮފި ހިމެނޭ ގޮތަށެވެ. އަދި އުމުރުފުރާތައް ބަހާފައި ވަނީ 6 އަހަރުން، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އާންމުންނަށް ހާއްސަ 18 އަހަރުން މައްޗެވެ.

މުބާރާތުގެ ވިލަރެސް ކޮމިޓީން ބުނި ގޮތުގައި މި ފަހަރުގެ މުބާރާތުގައި ދެ ގޮފީގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރިވެވޭ އަދަދު ކަނޑައަޅާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ. އެކަމަކު ބައިވެރިވާ ކޮންމެ މީހަކަށް ވެސް ވާދަކުރެވޭނީ ކޮންމެވެސް އެއް ގޮތްޕެއްގަ އެވެ.

"ޔޫސުފު ނައިބު ޤުރުއާން މުބާރާތް 2022" އަށް ކަނޑައަޅާފައިވާ ދެ ގޮފިން ކޮންމެ ގޮތްޕަތަކާއި ކޮންމެ އުމުރުފުރައަކުން ވެސް ގަދަ ތިނެއް ހޮވައި އިނާމު ދޭނެ އެވެ. މީގެ ދެ ގޮފިން ކުރެ ކޮންމެ ގޮތްޕަކުން 16 އަހަރުން ދަށުގެ މުޅި މުބާރާތުގެ ގަދަ ތިނެކާއި ދެ ގޮފި އެއްކޮށް އެ އުމުރުފުރާއިން މުބާރާތުގެ ގަދަ ތިނެކާއި 18 އަހަރުން މަތީގެ މުޅި މުބާރާތުގެ އެއް ވަނަ ވެސް ހޮވާނެ އެވެ.

ސާލިހާ ވިދާޅުވި ގޮތުގައި "ޔޫސުފު ނައިބު ޤުރުއާން މުބާރާތު" ގެ އެެންމެ ބޮޑު މަގުސަދަކީ މީދު އާއި ހުޅުދޫގެ ކުދިންނާއި އާންމުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔަވަން ބާރު އަޅައި، އެ ފަންނު ދިރުވައި އާލާކުރުމެވެ.

"މިއީ އަޅުގަނޑު އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ޤުރުއާން މުބާރާތް ކަމަށް ވިޔަސް އަމާޒަކީ މި އަހަރުން ދެން ކޮންމެ އަހަރަކު ވެސް މުބާރާތް ބޭއްވުން." އޭނާ ވިދާޅުވި އެވެ.

ސާލިހާ ވިދާޅުވީ މުބާރާތަށް "ޔޫސުފް ނައިބު" ގެ ނަން ދިނީ ތާރީހުން އެނގޭ ގޮތުގައި އެ އިލްމުވެރިޔާ އަކީ އައްޑޫ އިސްލާމްކުރެއްވި އިލްމުވެރިޔާއަށްވާތީ އެވެ. މިއީ އައްޑޫގެ ކައުންސިލަރަކު އަމިއްލަ ގޮތުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ޤުރުއާންް މުބާރާތެވެ.