Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

އައްޑޫގެ ބޯހިމެނުން ހުއްޓާލީކީ ނޫން، ނިމުނީ!

އައްޑޫ ބޯހިމެނުގެ މަސައްކަތުގައި އުޅުނު ޓީމެއް.

އައްޑޫގެ ބޯހިމެނުމުގެ މަސައްކަތް ހުއްޓާލީ ނޫން ކަމަށާއި އެކަމަކު އެ މަސައްކަތް ނިންމާލީ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މައުލޫމާތު ދީފައިވާ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

ބޯހިމެނުމުގެ މަސައްކަތް އައްޑޫގައި ނުނިމެނީސް ހުއްޓާލި ކަމަށް ބުނެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ އިން ވެސް ފެނިގެން އެކަން ސާފުކުރަން އެމްބީއެސް އާއި އެތަނުގެ ފަރާތުން އައްޑޫއި އިސްކޮށް އުޅުއްވި އޮފިޝަލުގެ ފަރާތުން މައުލޫމާތު ސާފުކުރުމުން އައްޑޫގެ ބޯހިމެނުން މި މަހުގެ 22 އަށް ނިމިފއިވާ ކަމަށް ބުނެފައިވާ ކަމަށް ނިޒާރު ވދާޅުވި އެވެ.

އޭނާ "އައްޑޫ ލައިވް" އަށް ވިދާޅުވީ އެ ފަރާތްތަކުން މައުލޫމާތު ދިން ފޮތުން މި މަހުގެ 13-25 އަށް ބޯހިމެނުން ކުރިއަށް ގެންދާ ގޮތަށް އޮތަސް އައްޑޫގެ ބޯހިމެނުގެ މަސައްކަތް ރާވާފައި އޮތީ 22 އާ ހަމައަށެވެ. އަދި 25 އަކީ މުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އިތުކުރެވޭ ގޮތެއް ކަނޑައެޅި މުއްދަތެއް ކަމަށް ވެސް ބުނެފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ފަރާތުން މައުލޫމާތު ސާފުކޮށްލި އިރު، ވިދާޅުވީ އައްޑޫގެ މި މަހުގެ 22 އަށް އައްޑޫގެ ބޯހިމުން ފުރިހަމަކުރެވިފައިވާ ކަމަށް. ނަމަވެސް ކޮންމެ ދިމާއެއްގައި ވެސް އެކިއެކި ސަބަބުތަކާ ހެދި މައުލޫމާތު ނުނެގޭ ތަންތަން ހުރި ގޮތަށް އައްޑޫގައި ވެސް އެފަދަ ތަންތަން ހުއްޓަސް ޖުމްލަކޮށް ބޯހިމެނުގައި އެއްކުރަން ޖެހޭ ހުރިހާ މައުލޫމާތެއް އައްޑޫން ނަގާފައިވާ ކަމަށް،" އޭނާ ވިދާޅުވި އެވެ. "އެހެންވެ އެ ބޭފުޅުން އެގޮތަށް ވިދާޅުވާތީ އަޅުގަނޑުމެން ގަބޫލުކުރަނީ ބޯހިމެމުމަށް އައްޑޫގެ ފުރިހަމަ މައުލޫމާތު ނެގިފައިވާ ކަމަށް."

ނަމަވެސް ބޯހިމެނުމުގެ މަސައްކަތުގައި އުޅުނު އެނިއުމަރޭޓަރުންތަކެއް ބުނެފައި ވަނީ އައްޑޫގެ ބޯހިމެނުގެ މަސައްކަތް 22 އަށް ނިންމާ ގޮތަކަށް ރޭވިފައި ނެތް ކަމަށެވެ. އަދި އެންމެ ކުރިން ވެސް ނިންމާފައި އޮތީ 25 އާ ހަމައަށް އެ މަސައތްކުރަން ކުރަން ކަމަށާއި އެކަމަކު ތިން ދުވަސް ކުރިން އެކަން ހުއްޓާލުމުން އައްޑޫގެ ވަރަށް ބޮޑު ޕަސެންޓޭއްޖެ މައުލޫމާތު ނެގިފައި ނުވާ ކަމަށް ބުނެ އެވެ.

އެހެންވެ މި ބޯހިމެނުމުން އައްޑޫގެ އެންމެ ސައްހަ މައުލޫމާތު ސާފުނުވާނެ ކަމަށް އެނިއުމޭޓަރުން އަންނަނީ ބުނަމުންނެވެ. ބައެއް އެނިއުމޭޓަރުން ބުނި ގޮތުގައި އައްޑޫގެ ބޯހިމެނުން ފުރިހަމަ ނުކުރެވުނީސް ހުއްޓާލީ މާލޭގެ ބޯހިމެނުހުމަށް ބޭނުންވާ ޓެބްލެޓް މަދުވެގެން، އައްޑޫގައި ބޭނުން ކުރަމުން އައި ޓެބްލެޓްތައް ގެންދިއުމުގެ ގޮތުންނެވެ.

މާލެ ސަރަހައްދުގެ ބޯހިމުން ނިންމާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ މި މަހުގެ 27 ގަ އެވެ.