Last Updated: April 16, 18:46
Tuesday, April 16, 2024
މީހުން

އެޕަލް އިން 9 އަހަރުގެ ކުއްޖަކަށް ފުރުސަތެއް

މަޝްހޫރު ޓެކް ކުންފުނި، އެޕަލް އަށް އެޕެއް ޑިވެލޮޕްކުރުމުގެ ފުރުސަތު ދުބާއީގައި ދިރިއުޅޭ އިންޑިއާގެ 9 އަހަރުގެ އަންހެން ކުއްޖަކަށް ލިބިއްޖެ އެވެ.

އުމުރުން 8 އަހަރުގައި ވާހަކަ ކިޔަން ހާއްސަކޮށްގެން ހަނާ މުހައްމަދު ރަފީގް އައިއޯއެސް އެޕެއް ތައްޔާރުކޮށް އޭނަ އަކީ އެންމެ ޅަ އުމުރުގައި އެފަަދ އެޕެއް ތައްޔާރުކުރި ކުއްޖާ ކަމަށް ބުނެ އެޕަލްގެ ސީއީއޯ ޓިމް ކުކަށް ސިޓީއެއް ވެސް ފޮނުވި އެވެ.

އެ ސިޓީއާ ގުޅިގެން ޓިމްގެ ސިޓީއެއް ހަނާގެ އާއިލާ އަށް ލިބުނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މި ވާހަކަ ޙަލީޖް ޓައިމްސް އާ ހިއްސާކޮށް ހަނާ ބައްޕަ މުހައްމަދު ރަފީގް ބުނީ އީމެއިލުން ލިބުނު އެ ސިޓީގެ ވާހަކަ ހަނާ ގާތު ބުނީ ނިދަން އޮއްވައި ކަމަށެވެ.

"ނިދަން އޮއްވައި ހަނާ އަށް ގޮވިޔަސް ވަރަށް އުނދަގުލުން ގިނަ ފަހަރަށް ތެދުވާނީ. އެކަމަކު އެޕަލްގެ ސީއީއޯ ފަރާތުން ސިޓީއެސއް ލިބުނު ވާހަކަ ބުނާ އިރަށް ފުންމައިގެން ތެދުވެ، ފާހަނާ އަށް ވަދެ މޫނު ދޮވެލައިގެން އެ ސިޓީ ހަނާ ކި،" އޭނާ ބުންޏެވެ. "އެކަންވީ ދަރިފުޅަށް ލިބުނު ވަރަށް ބޮޑު އުފަލަކަށް."

ޓިމްގެ ސިޓީގައި ހަނާ ކުރި މަސައްކަތަށް މަރުހަބާ ވިދާޅުވެފައިވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ހަނާގެ ސްޓޯރީ ރީޑިން އެޕް ފަދަ އެޕްތަކެއް، އެޕަލްއާ ގުޅިގެން އުފައްދާނެ ފުރުސަތު އޮތް ވާހަކަ ވިދާޅުވެފައިވެ އެވެ.

ހަނާ ބުނި ގޮތުގައި ކޯޑްކުރުމުގެ ތެރެއިން އޭނާ އުފެއްދި އެޕްގެ ބޭނުމަކަށްވީ ނިދާ ގަޑީގައި ކުޑަކުދިން ވާހަކަ އަޑުއެހުމުގެ ޝައުގުވެރިކަން އުފެއްދުމެވެ.

"ނިދާ ކޮންމެ ފަހަރަކު ޕޭރަންޓުންނެއް ނުތިބޭނެ ވާހަކަ ކިޔައިދޭކަށް ގާތުގައެއް. އެހެންވީމަ އަހަރެން ބޭނުންވީ ޕޭރަންޓުންނަށް ވަގުތު ނުވާ ހާލަތްތަލުގައި ވެސް ކުދިން ނިދާ ވަގުތުތަކުގައި އަމިއްލަ އަށް ވާހަކަ އަޑު އެހޭނެ އެޕެއް ހަދަން." އޭނާ ބުންޏެވެ.

މި މަސައްކަތަކީ ހަނާ އަށް އޭނަގެ 10 އަހަރުގެ ދައްތަ ލީނާ މުހައްމަދު ރަފީގުގެ އެހީތެރިކަން ވެސް ލިބިގެން ހެދި އެޕެކެވެ. މި ދެ ކުދިން ބުނި ގޮތުގައި ކޯޑްކުރުމަކީ އެ މީހުންގެ މައިންވަފައިންގެ ފަރާތުން ލިބުނު އިންސްޕިރޭޝަނަކަށް ފެށުނު ކަމެކެވެ. މުހައްދަމު 2018 ގައި އެޑިއުޓެކަށް ފޯކަސްކޮށްގެން ސްޓާޓަޕެއްގެ މަސައްކަތް ފެށި އެވެ. އޭރު އަންހެނުން ގާތު އެދިގެން އޭނަ ވެސް ކޯޑްކުރަން ދަސްކުރަން ފެށި އެވެ.

ނަތީޖާއަކަށްވީ ބައްޕަ އާއި މަންމަ ވެސް ކޯޑްކުރާ ތަން ފެނި ހަނާ އާއި ލީނާގެ ޝައުހުވެރިަން ވެސް އެކަމަށް ދެވުމެވެ. އެންމެ ފަހުން އެކަމުގައި ހަނާ މާ ބޮޑަށް ކުރިއަރައި އައިއޯއެސް އަށް ހާއްސަ އެޕެއް އުފެއްދީ އެވެ. ދެބޭންގެ އުންމީދަކީ މި ދާއިރާ އިން ކުރިއަށް ގޮސް އަންހެނުންނަކީ ވެސް ޓެކް ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެ ބައެއްކަން ދައްކުވައި ދިނުމެވެ.

"އަހަރެން ބުނާނީ ކޮންމެ ކުއްޖަކީ ވެސް ކޯޑްކުރަން ދަސްކުރާ ކުއްޖަކަށްވުން މުހިއްމޭ. ހާއްސަކޮށް އަންހެން ކުދިން." ހަނާ ބުންޏެވެ.

ކުޑަކުޑަ ހަނާ ބުނި ގޮތުގައި އޭނަގެ ހުވަފެންތައް ވަރަށް ގިނަ އެވެ. ވަރަށް ބޮޑެވެ. އެހެންވެ ކޯޑިންގެ ތެރެއިން ދަސްވަމުން އަންނަ ކަމާއި ލިބޭ ތަޖުރިބާގެ އަލީގައި ބޭނުން ވަނީ ދެވެން އޮތް އެންމެ ކުރިއަަކަށް ދިއުމެވެ.

"މިކަހަލަ މަސައްކަތްތަކުން ވެސް އަންހެނުން ބާރުވެރިކޮށް ދޭނެ. މާލީ ގޮތުން ފުދުންތެރި ބަޔަކަށް ވާނެ." ހަނާ ބުންޏެވެ.

ހަނާގެ ކުރިމަގު އަދި އޮތީ އެވެ. އެހެންވެ ޓެކް ދާއިރާ އިން އޭނަ އަކީ ހަމަ ވަރުގަދަ ސިކުނޑިއަކަށް ވެދާނެ އެވެ. ސްޓޯރީ ރީޑިން އެޕަކީގެ ފެށުމެވެ. އެޕަލް އިން އޮތް ފުރުސަތަކީ ހަނާގެ އެންމެ ބޮޑު ޓާގެޓެވެ.