Last Updated: April 23, 12:16
Tuesday, April 23, 2024
ރިޕޯޓް

އެމްއެންޕީން ނަޝީދުގެ ފެނިލުމެއް!

ވާދަވެރި ސިޔާސީ އެހެން ޕާޓީތަކުގެ ކަންކަމުގައި އެއް ޕާޓީގެ ބަޔަކު އަނެއް ޕާޓީގެ ކަންކަމުގައި ބައިވެރިވާ ތަން ފެނުމަކީ ރާއްޖޭގައި އާންމު ކަމެއް ނޫނެވެ. އެކަމަކު އެ މަންޒަރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ އެ މަންޒަރު ބަދަލުރައްވައިފަ އެވެ.

ރޭ ނިންމައިލި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ނެޝަނަލް ކޮންގްރެސްގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައިވެރިވަޑައިގަތެވެ. ކޮންގްރެސް ނިންމައިލި ޖަލްސާގައި ނަޝީދު އިންނެވީ ޕާޓީގެ އެންމެ އިސްވެރިންގެ އަރިހުގައި އެންމެ ކުރީ ސަފުގަ އެވެ.

މިކަމިން ދައްކުވައި ދިނީ ސިޔާސީ ގޮތުން ހިޔާލު ތަފާތިވުމާއި ސިޔާސީ ގޮތުން ވާދަވެރިކަން އޮތަސް އެެއް ޕާޓީގެ ވެރިން އަނެއް ޕާޓީން ލިބޭ ދައުވަތަކަށް އިޖާބަ ދިނުމަކީ އެއްވެސް މައްސަލައެއް ނޫން ކަމެވެ. އެމްއެންޕީގެ ރޭގެ ހަރަކާތުގައި ނަޝީދު "ވަރަށް އުފަލާ އެކީ" ބައިވެރިވަޑައިގެންނެވި އިރު އެ ޕާޓީފެ އިސްވެރިންނަކީ ޚުދު ނަޝީދާއި އެމްޑީޕީގެ ވަރަށް ގިނަ ބަޔަކު "ބާގީ" އަށް ގޮވާ ބަޔަކު އިސްކޮށް ތިއްބެވި ޕާޓީއެކެވެ.

އެއީ ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ވައްޓާލުމުގެ މުގުލުގައި ތިބިކަނުގެ ތުހުމަގު ތަކުރާރުކޮށް އަޅުއްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް) އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒެވެ. މި ދެ ބޭޅުންނަކީ މިހާރު މަޖިލީހުގެ މެމްބަރުން ވެސް މެ އެވެ. އެހެންވެ ހައިސިއްޔަތަށް ރިއާޔަތްކޮށްފައި ވެސް "ބާގީ" އިން ތިބި ޕާޓީގެ ގައުމީ ކޮންގްރެސްގައި ބައިވެރިވަޑައިގަތުމަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަމަވެސް ނަޝީދަށް ލިބިވަޑައިގަތް ދައުވަތު ގަބޫލުކުރެއްވުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއް ނުވަތަ ނަމޫނާއެއްގެ ގޮތުގައު ވެސް ބެލިދާނެ އެވެ.

އެ މަނިކުފާނު ނޫނީ ރާއްޖޭގެ އިތުރު އެހެން އެއްވެސް ޕާޓީއެއްގެ އިސް ބޭފުޅަކު އަދި ވަރަށް ޅަ ޕާޓީ، އެމްއެންޕީގެ ކޮންގްރެސްއަކުން ފެނިފައެއް ނުވެ އެވެ. އެކަމަކު އެހެން ޕާޓީތަކުގެ އިސްވެރިންނަށް އެމްއެންޕީން ދައުވަތު ފޮނުވި އެވެ.

ރޭގެ ޖަލްސާގައި ނަޝީދަށް ނާޒިމުގެ ތައުރީފުގެ ބަސްތަކެއް ވެސް ރައްދުކުރެއްވި އެވެ.

ނަޝީދަށް ނާޒިމްގެ ތައުރީފު ވެސް އޮހިގެންދިޔައެވެ. ފަހަތުން ޖަލްސާގައި ތިބި އެ ޕާޓީގެ ލީޑަރޝިޕާއި އާއްމުން އެއްކޮން ގޮނޑިތަކުން ތެދުވެ ނަޝީދަށް ހޫނު ތަރުހީބެއް ދިންތަން ވެސް ފެނުނެވެ.

"އެމްޑީޕީގެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާކަމީ މި ޕާޓީއަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކީ މަލްޓި ޕާޓީ ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ދެއްވާ އަހައްމިޔަތުކަމުގެ ރަމްޒެއް. އެކަމަށްޓަކައި އަޅުގަނޑުމެންގެ ޕާޓީގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."

ކޮންމެއަކަސް ނަޝީދު ރޭ ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންނަށް ދެއްކެވި މަންޒަރަކީ ރީތި މަންޒަރެކެވެ. އެއީ ބަލައިގަންނަން ޖެހޭ ކަމެކެވެ.