Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އައްޑޫ ކައުންސިލްގެ ހެލްތު އިންޝުއަރެންސަށް ލޯނެއް!

އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ބައްދަލުވުމެއްގައި.

އައްޑޫ ކައުންސިލަރުންނާއި މުވައްޒަފުންގެ ހެލްތު އިންޝުއަރެންސަށް އެއް މިލިއަން ރުފިޔާގެ ލޯނެއް ނަގަން ކައުންސިލުން ނިންމައިފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ޖަލްސާގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަނީ އެލައިޑު އިންޝުއަރެންސުން ނަގާ ހެލްތު އިންޝޫރެންސް ޕެކޭޖުގައި މުވައްޒަފުން ބައިވެރިކުރުމަށް އެެއް މިލިއަން ރުފިޔާގެ ލޯނެއް އައްޑޫ ޓްރަސްޓް ފަންޑުން ނެގުމަށް ހުށަހަޅުއްވައިފަ އެވެ. އައްޑޫ ޓްރަސްޓް ފަންޑަކީ ކައުންސިލާއި ރައްޔިތުން ހިއްސާވާ ފަންޑެކެވެ. އެ ފަންޑް އުފެއްދީ 2016 ގަ އެވެ.

ޓްރަސްޓް ފަންޑުން ކައުންސިލަރުންނާއި މުވައްޒަފުންގެ ހެލްތު އިންޝުއަރެެންސަށް މިލިއަން ރުފިޔާގެ ލޯނެއް ނަގަން ޝުއާއު ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ އެވެ.

އައްޑޫ ކައުންސިލަރުންނާއި މުވައްޒަފުންގެ ހެލްތު އިންޝޫރެންސް ޕެކޭޖާ ގުޅޭ ގޮތުން ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މި ޕެކޭޖުގެ ދަށުން ބޭރުގެ ތިން ގައުމަކުން ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ހެލްތު އިންޝޫރެންސް ލިބޭނެ ކަމަށެވެ. އެއީ އިންޑިއާ އާއި ލަންކާގެ އިތުރުން ތައިލެންޑުގެ ހޮސްޕިޓަލުތަކުން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ސަބަބުން އާސަންދަ ނުލިބޭ ބަލިތަކަށް ކައުންސިލްގެ އިންޝޫރެންސް ޕެކޭޖުގެ ސަބަބުން މުވައްޒަފުންނަށް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވީ މުވައްޒަފުން ހެލްތު އިންޝޫރެންސްގައި ބައިވެރިކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެކަމަކު ރާއްޖޭގައި ހެލުތު އިންޝޫރެންސްގެ ހިދްމަތްދޭ އެހެނިހެން ކުންފުނި ހުރި އިރު ހަމައެކަނި އެލައިޑްގެ ޕެކޭޖު ނަގަން ނިންމެވީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

މީގެ އިތުރުން ވެސް އެ މައްސަލައިގެ ބަހުސް މަރުހަލާގައި ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު އަދާލާ ވަނީ ލޯނު ނަގައިގެން މުވައްޒަފުންގެ ޕްރިމިއަމް ދައްކަން ޖެހޭ ގޮތަށް އޮތުމަކީ ދެމެހެއްޓެނެވި ކަމަކަށް ވެދާނެތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ކޮންމެ އަހަރަކު ވެސް މިންޝޫރެންސް ސްކީމުގައި ބައިވެރިވުމަށް ޓްރަސްޓު ފަންޑުން ލޯނު ނަގާނީތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

މެމްބަރުންގެ ސުވާލުތަކާ ގުޅިގެން މޭޔަރު ވިދާޅުވީ ލޯނު ނަގަނީ އެއްފަހަރާ ބައިވެރިވާ ހުރިހާ މުވައްޒަފުންގެ ފަރާތުން އިންޝޫރެންސް ކުންފުންޏަށް ފައިސާ ދެއްކުމަށް ކަމަށާއި، ދެން ވެސް މުވައްޒަފުންނަށް އެއްފަހަރާ ފައިސާ ނުދެއްކޭ ނަމަ ލޯނު ނަގަން ޖެހިދާނެ ކަމަށެވެ.

އިންޝޫރެންސް ޕްރިމިއަމް ފައިސާ ދެއްކުމަށް ޓްރަސްޓް ފަންޑުން އެއް މިލިއަން ރުފިޔާގެ ލޯނު ނެގުމަށް ހުށަހަޅުއްވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ މީގެ ސަބަބުން މުވައްޒަފުންނަށް ލޯނު ސްކީމުގައި ބައިވެރިވުމަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.

އައްޑޫ ކައުންސިލުން ބުނީ މުވައްޒަފަހުންގެ ތެރެއިން އެއްފަހަރާ ފައިސާ ނުދެއްކޭ މުވައްޒަފުންގެ ޕްރިމިއަމް ލޯނުގެ ތެރެއިން ދެއްކުމަށް ފަހު ކޮންމެ މަހަކު އެ މުވައްޒަފެއްގެ އަތުން ވަކ މިންވަރެއް މުސާރަ އިން އުނިކުރެވޭނެ ކަމަށެވެ.

މި ސްކީމުގައި މަދުވެގެން 250 މުވައްޒަފުން ބައިވެރިވާން ޖެހޭ އިރު މުވައްޒަފުންގެ މައިންބަފައިންނާއި ފިރިންނާއި އަނބިން އަދި 21 އަހަރު ނުވާ ދަރިން ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މޭޔަރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ މި ހެލްތު އިންޝުއަރެންސް ސްކީމް ވާނީ ރާއްޖޭގެ ކައުންސިލަކުން އެތަނުގެ މުވައްޒަފުން ހެލްތު އިންޝޫރެންސް ސްކީމެއްގައި ބައިވެރިކުރާ ފުރަތަމަ ކައުންސިލަށް ކަމަށެވެ.