Last Updated: April 18, 12:20
Thursday, April 18, 2024
ޚަބަރު

ސަރުކާރު 99 ޕަސެންޓް ވައުދު ފުއްދައިފި: ގާސިމް

ރައީސް އިބްރާހީމް މުޙައްމަދު ސަރުކާރުން ރައްޔިތުންނަށް ވި ވައުދުގެ 99 ޕަސެންޓް މިހާރު ފުއްދާފައިވާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ގާސިމް އެގޮތަށް އޭނަގެ ޕާޓީ އަށް ނިސްބަތްވާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން މަޖިލީހަށް ހާޒިރުކޮށް މިއަދު އޭނަ އަށް ކުރިމަތިކުރެއްވި ސުވާލުތަކާ އެކު ފޯރިގަދަވެގެން އުޅެނިކޮށް
ނިޒާމީ ނުކުތާއެއް ނަންގަވައިގެންނެވެ.

އެގޮތުން މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތަކުގެ 99 ޕަސެންޓް މިހާރު ފުއްދާފައިވާ ކަމަށެވެ.

"އަޅުގަނޑު ޔަގީންކުރަން އޭރު [ރިޔާސ އިންތިހުބުގައި] މި ސަރުކާރުން ވި ވައުދުތަކުގެ 99 އިންސައްތަ މިހާރު ވަނީ ނިންމަވާފައިވާ ކަމަށް" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ މި ވާހަކައާ ގުޅިގެން އެމްޑީޕީގެ މެމްބަރުންތަކެއް އަތްތިލަބަޑި ޖައްސަވައި ފޯރި ވެސް ނެންގެވި އެވެ.

ގާސިމް ވިދާޅުވީ މަސްވެރިކަމުގެ ވިޔަފާރި އަށް އޭނާ ވަދެވަޑައިގަތީ ރައީސް މައުމޫން އަބްދުލް ގައްޔޫގެ ޒަޢާމަތުގައި ކުރެއްވި އިއުލާނަކާ ގުޅިގެން ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރުން ކޮށްފައިވާ އިންވެސްޓްމަންޓަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް އަމިއްލަ އަށް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ދާއިރާ ކުރިއަރަން ޖެހޭ ވަރަށް ނާރާ ކަމަށް ވިދާޅުވި އެވެ.

"ސަބަބަކަށް ވަނީ މަސްވެރިކަމުން ކަޅުބިލަ މަސްވެރިކަމުން ލިބެނީ ވަރަށް ބޮޑު ގެއްލުމަކަށްވާތީ. ރައްޔިތުންގެ ފާއިދާއަށްޓަކައި އަބަދުވެސް މިފްކޯއިން މަސް ގަންނަމުން އައި ގެއްލުމުގަ. ވަރަށް ބޮޑެތި ގެއްލުމުގަ،" ގާސިމް ވިދާޅުވި އެވެ. "މިހާރު މިއޮތް ސަރުކާރަށް ވަރަށް ބޮޑެތި ތަކްލީފްތަކެއް ދިމާވޭ މަސްވެރިންނަށްވީ ވައުދު ފުއްދުމުގަ. ކޮވިޑާ ގުޅިގެން ދިމާވި ކަންތައްތައް އަޅުގަނޑުމެން މިދަނީ ތަހައްމަލު ކުރަމުން."

ނަމަވެސް މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އިން ބެލި ނަމަވެސް ސަރުކާރަށް އެ ދާއިރާ އަށް ވި ވައުދުތައް ނުފުއްދި މަސްވެރިންގެ ހާލަތު ދަށްވަމުންދާ ކަމަށެވެ. މަސްވެރިންނަށް ދިމާވަމުންދާ މައްސަލައާ ގުޅޭ ކުއްލި މައްސަލައެއްމިއަދު ހުށަހަޅައި ބަހުސްކުރި އިރު، އެ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.