Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ބީއެމްއެލް އިން ސްޕޯޓްސް ސްކޮލާޝިޕް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން މިއަދު ސްޕޯޓްސް ސްކޮލާޝިޕް ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ) އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސްކޮލަރޝިޕް އަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި އެކިއެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން ބީއެމްއެލް އިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.

އެގޮތުން މޮޅު އެތުލީޓުންނަށް ރާއްޖޭގައި އާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ކާމިޔާބީ ހާސިލްކޮށްދިނުމުގެ ބޭނުމުގައި މިއަދު ސްޕޯޓްސް ސްކޮލާޝިޕް އިއުލާން ކުރެވިގެން ދިޔުމަކީ ލިބޭ އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްޕޯޓްސް ސްކޮލާޝިޕް އަށް ހުށަހެޅުމާ ގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ހާމަކުރާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.