Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ސަންސެޓް ބީޗް ބީލަމުގެ މުއްދަތު އިތުރުކޮށްފި

އައްޑޫ ހިތަދޫ ސަންސެޓް ބީޗް އޭރިއާގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ދިން މުއްދަތު ކައުންސިލުން އިތުރުކޮށްފި އެވެ.

ކުރިން އޮތް ގޮތުން ބީލަން ހުށަހެޅުމާއި ހުޅުވަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 11 ގަ އެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށް ބީލަން ހުޅުވާ ތާރީހަކަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 30 އެވެ. މިއާ އެކީ މި މަޝްރޫއާ ގުޅުން ހުރި އެހެން ތާރީހުތަކަށް ވެސް މިހާރު ވަނީ ބަދަލުތައް ގެނެސްފަ އެވެ.

އެގޮތުން ބީލަމުގައި ބައިވެރިވާން ރަޖިސްޓްވާން ޖެހެނީ އަންނަ މަހުގެ 9 ގަ އެވެ. އަދި މަޝްރޫއާ ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 9-15 އަށެވެ. އަދި މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ޒޫމް މެދުވެރިކޮށް އަންނަ މަހުގެ 17 ގެ މެންދުރު ފަހު 1:00 ގަ އެވެ.

ހިތަދޫ ސަންސެޓް ބީޗް އޭރިއާގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރަން ހުޅުވާލީ ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. އެގޮތުން ދިވެހިންނަށް ބިޑް ޑޮކިއުމަންޓް 10،000ރ. އަށް ވިއްކަން ނިންމާފައިވާ އިރު، ބިދޭސީ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ 700 ޑޮލަރަށެވެ.

ކައުންސިލުން ބުނި ގޮތުގައި ހިތަދޫ ސަންސެޓް ބީޗް އޭރިއާގައި ތަރައްގީކުރަން ބޭނުން ވަނީ ލަގްޒަރީ ވިލާ ނުވަތަ ގެސްޓް ހައުސްް ހިމެނޭ ޓޫރިސްޓް ފެސިލިޓީއެކެވެ.

އައްޑޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމްގެ ފަސް ޒޯނެއް ކަނޑައަޅައި އެތަނުން ގިނަ އަދަދެއްގެ ބިންތަކެއް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު މިހާތަނަށް ޓޫރިޒަމް ޒޯންތަކުގައި އެކަށީގެންވާ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

މި ޒޯންތަކުގެ އަމާޒަކަށްވެފައި އޮތީ ސަރުކާރުގެ މި ދައުރުގައި އައްޑޫގެ ޓޫރިސްޓް އެނދު 8،000 އަށް އިތުރުކުރުމެވެ.

ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން ކަނޑައެޅި އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ. މި ތަންތަނުން 93 ބިމެއް ތަރައްގީކުރަން ނިންމާފައިވެ އެވެ.