Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ގަން އެއާޕޯޓް މަޝްރޫއު އަންނަ ހަފުތާގައި ބީލަމަށް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަންނަ ހަފުތާގައި ބީލަމަށް ހުޅުވައިލާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ބިޑުގެ ޕްރިކޮލިފިކޭޝަން މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި އެ މަރުހަލާއިން ހަތް ކުންފުންޏެއް ބީލަމަށް ކޮލިފައިވެފައިވެ އެވެ.

މި އެއާޕޯޓް ތަރައްގީކުރާނީ ރާއްޖެ އަށް އިންޑިއާ އިން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން އެއާޕޯޓް ތަރައްގީ އަށް 17 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި އާ ޓާމިނަލެއް ހެދުމާއި އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނަކާއި ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރަން ހަމަޖެހިފައިވެ އެވެ. އިންޑިއާ އިން ބުނެފައިވާ ގޮތުގައި ގަން އެއާޕޯޓް ތަރައްގީކުރަން ހިންގޭ މި މަޝްރޫއާ އެކީ އެ އެއާޕޯޓް ވާނީ މި ސަރަހައްދުގައު ފާހަގަކޮށްލެވޭ ހަބަކަށެވެ.

ގަން އެއާޕޯޓަކީ މި ވަގުތު ހަމައެކަނި މޯލްޑިވިއަން ން އެތެރޭގެ އުދުހުންތައް އަދި ސްރީ ލަންކަން އެއާލައިންސް އިން އިންޓަނޭޝަނަލް ދަތުރުތައް ބާއްވަމުން އަންނަ އެއާޕޯޓެކެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ އެއާޕޯޓް ތަރައްގީކުރަން އެންމެ ފަހުން ހިންގި މަޝްރޫއުގެ ތެރެއިން އެންމެ ފަހުން ކޮށްފައިވާ ފާހަގަކޮށްލެވޭ ބޮޑު މަސައްކަތަކީ ރަންވޭ ބޮޑުކޮށް، ކުރީގެ ރަންވޭ ރީސާފޭސްކޮށް 2016 ގައި ބޭނުންކުރަން ފެށުމެވެ.