Last Updated: February 5, 18:59
Sunday, February 5, 2023
ޚަބަރު

އަމީނީމަގުގައި ހުރީ މަގުތަކުގައި އިންދާ ޒާތުގެ ގަސްތަކެއް ނޫން

އަމީނީ މަގުގައި ހުރީ މަގުތަކުގައި އިންދާ ޒާތުގެ ގަސްތަކެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އާންމުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ކޯޓަށް މައްސަލައެއް ވެއްދުމަށް ވެސް ނިންމަވާފަ އެވެ.

އެކަމާ ގުޅިގެން މިއަދު ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި އަމީނީމަގުގައި އިންދާފައި ހުރި ގަސްތަކަކީ އާންމުކޮށް މި ކަހަލަ މަގުތަކުގައި އިންދާ ގަސްތަކަށް ވުރެ ތަންކޮޅެއް ތަފާތު ގަހެއް ކަމަށެވެ.

"ރާއްޖޭގައި ވެސް މާލޭގައި ވެސް ފެން ފަށަލަ ފުދޭވަރަކަށް ތިލަކޮށް އޮންނާތީވެ ގަހުގެ މޫތަށް ވަރަށް ބޮޑަށް ފެތުރިގެން އެބަދޭ. ފެތުރިގެން ދިޔައީމަ މަގު މި ވަޅުލައި ހޮޅިތަކާއި ކޭބަލްތަކާ މި އެއްޗެއްސަށް ގެއްލުންވުމާއި އަދި އެ ހޮޅިތައް ވަޅުލުމަށް ވެސް ދަތިތަކެއް އެބަ ދިމާވޭ." މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ މި ގަސްތައް ކަނޑާފައި އުކާލަނީ ނޫން ކަމަށާއި މި ގަސްތައް އެހެން ތަންތަނުގައި އިންދާނެ ކަމަށެވެ. އަދި އޭގެފަހުން އެ މަގު އަލުން ފެހިކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ އާރްޑީސީއާ އެވެ. އާރްޑީސީން ވަނީ ގަސްތައް ކެނޑި ނަމަވެސް އަލުން ގަސްތައް އިންދާނެ ކަމަށް ބުނެފަ އެވެ.