Last Updated: February 5, 18:59
Sunday, February 5, 2023
ޚަބަރު

އަމީނީމަގުން ގަސް ކަނޑާ މައްސަލަ ކޯޓަށް ހުށަހަޅައިފި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަމީނީ މަގުގައި ތާރު އެޅުމަށް އެމަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.

އެ މައްސަލާގައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް އުފުރަމުންދިއުން ވަގުތުން ހުއްޓުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފަ އެވެ.

މި މައްސަލާގައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް އުފުރައިގެން ނޫންގޮތަކަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެތޯ ބަލައި ކަށަވަރުކުރުމަށް ވެސް އެދިފަ އެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރުމުގައި ގަސްތައް ނެގުން ނޫން ގޮތެއް ނެތިގެން މެނުވީ އެ މަގުގައި ހުރި އެއްވެސް ގަހެއް އުފުރައިގެން ނުވާނެ ކަމަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު، އެ މަގުގައި ހުރި ގަސްތައް ނަގާތީ އެކަމުގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މަޖިލީހުގައި ވެސް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އަމީނީ މަގު ހެދުމަށް އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ މައްސަލަ ހައްލުނުކޮށްފިނަމަ ކޯޓަށް ގޮސްގެންވެސް އެކަން ހުއްޓުވާނެކަމަށް ވިދާޅުވެފަ އެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ މައްސަލަ މަޖިލީހަށްވެސް އޮތީ ހުށަހަޅާފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ އާރްޑީސީއާ އެވެ. އާރްޑީސީން ވަނީ ގަސްތައް ކެނޑި ނަމަވެސް އަލުން ގަސްތައް އިންދާނެ ކަމަށް ބުނެފަ އެވެ.