Last Updated: April 26, 20:05
Friday, April 26, 2024
ޚަބަރު

އުތުރާއި ދެކުނުގައި ވެސް ޓޫރިޒަމް ފުޅާކުރާނެ

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ފުޅާކޮށް، ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ފަދަ އެކަމަށް ބޭނުންތެރި ޚިދުމަތްތައް ޤާއިމުކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި މި އަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަ ވަނަ އެޑިޝަންގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ފައިސަލް ވަނީ ސަޓާ 2016 ވަނަ އަހަރު އިފްތިތާޙްކުރެވުނު ފަހުން، ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފާހަގަކުރާ ދެވަނައެއް ނެތް ބަޔަކަށް ސަޓާ ވެގެން ގޮސްފައިވާކަންވެސް ފާހަގަކުރައްވައި، ސަޓާ ގެ އޯގަނައިޒަރުންނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި މީގެ 50 އަހަރު ކުރިން ރާއްޖޭގެ ޓޫރިޒަމް އުފެދިގެން އައީ ރާއްޖެ އަށް އެ ދާއިރާ ތަޢާރަފުކުރެވުނީ އެކަން ކުރިއެރުވުމަށްޓަކައި، ޒުވާނުންތަކެއް ކުރި ބުރަ، އިޚްލާޞްތެރި، އަދި މިންނެތް މަސައްކަތްތަކުންނެވެ.

"މިއަދު ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ އެއް މަންޒިލް. މި ކާމިޔާބީ ލިބުމުގެ އަސްލު ޙަޤީޤަތަކީ ދިވެހި ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަ. މީގެ އިތުރުން ދިވެހިންގެ އެންމެ ޚާއްޞަ އެއް ކަމަކީ ގާތް ރަޙްމަތްތެރިކަމާއި، ދީލަތިކަމާ އެކު ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ފަތުރުވެރިއަކަށްވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ހުރެ އެކަމަށް ކުރާ މަސައްކަތް." ފައިސަލް ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ނައިބު ރައީސް ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވައި ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް ކުރިއެކޭ އެއްގޮތްވުމަށް ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ލިބުނުކަން ފާހަގަކުރައްވައިފަ އެވެ.

އެ ޙަފްލާގައި "ސަޓާ 2022" އެވޯޑް ފަތުރުވެރިކަމުގެ ދާއިރާ އާއި ހޮސްޕިޓާލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރި ފަންނުވެރިއަަށް ނައިބު ރައީސް އެވޯޑް ޙަވާލުކޮށްދެއްވި އެވެ.