Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސާޓާގެ ދެ އެވޯޑެއް އައްޑޫ އީކްއޭޓަ ވިލެޖަށް

ރޭ އަދާރަން ސިލެކްޓް ހުދުރަންފުށީގައި ބޭއްވި މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ) ގެ ދެ އެވޯޑެއް އައްޑޫގެ އީކްއޭޓަ ވިލެޖަށް ލިބިއްޖެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ވެސް އޮންނަ ގަމުގައި ހިންގަމުން އަންނަ އީކްއޭޓާ އަށް ލިބުނު ދެ އެވޯޑަކީ ލީޑިން އެއާޕޯޓް ހޮޓެލް އެވޯޑާއި ލީޑިން ހެރިޓޭޖް އެވޯޑެވެ. އީކްއޭޓަ ވިލެޖަކީ އައްޑޫގައި މިހާރު ހިންގަމުން އަންނަ އެންމެ ދުވަސްވީ ޓޫރިސްޓް ފެސިލިޓީ އެވެ.

މިތަނުގެ އެންމެ ހާއްސަ އެއް ސިފަ އަކީ އަައްޑޫގައި އެއްފަސްކޮށް ގުޅިފައި އޮން ބޮޑު ސަރަހައްދުގެ ތެރޭގައި ހިންގަމުން އަންނަ ތަނަކަށްވުމެވެ. އެގޮތުން މޫކައި އިން ހިންގަމުން އަންނަ އީކްއޭޓަ ވިލެޖަކީ އެތަނަށް އަންނަ ޓޫރިސްޓުންނަށް ފައިމަގުގަ އާއި ސައިކަލާއި ބައިސްކަލު ފަދަ ވެހިކަލްތަކުގައި ވެސް އައްޑޫގެ ބޮޑު ބަޔަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭ ތަނެކެވެ. އަދި މިތަނަކީ އެއާޕޯޓް އޮތް ގަމުގައި ހިންގާ ތަނަކަށްވާތީ އެއާޕޯޓުން އީކްއޭޓަށް ދާން ޓޫރިސްޓުންނަށް ހޭދަކުރަން ޖެހޭނީ ގާތްގަނޑަށް ދެތިން މިނެޓެވެ.

މި ފަހަކަށް އައިސް ޓޫރިޒަމް ދާއިރާ އިން އީކްއޭޓަ އިން ބޮޑު ކާމިޔާބީތަކެއް ހޯދަމުން އަންނަ އިރު އެތަން ހިންގަން މިހާރު ހަވާލުވެ ހުންނެވި މުހައްމަދު ވަހީދަކީ ޓޫރިޒަމް ދާއިރާގެ ވަރަށް ދުވަސްވީ ތަޖުރިބާރާކެވެ. ވަހީދަކީ އައްޑޫ ފޭދު އަށް ނިސްބަތްވާ ބޭފުޅެކެވެ.

ހައި ރައިޒުން އިންތިޒާމުކޮށްގެން ރޭ ބޭއްވި ސާޓާ އެވޯޑްސްގެ ހަ ވަނަ އެޑިޝަންގައި 31 ދާއިރާއަކުން ރާއްޖެ އެވޯޑް ހޯދި އެވެ. މި އެވޯޑް ދޭން ފަށާފައި ވަނީ 2016 ގަ އެވެ. އަދި 2018 ގައި ސަޓާ އެވޯޑްސް އީކްއޭޓަ ވިލެޖްގައި ވެސް ހޯސްޓްކޮށްފައިވެ އެވެ.

މި އަހަރު ސާޓާގެ އުސްއަލިތައް:

* ލީޑިން ހެރިޓޭޖް ހޮޓެލް: އީކުއޭޓަ ވިލެޖް މޯލްޑިވްސް
* ލީޑިން އެއަޕޯޓް ހޮޓެލް: އީކުއޭޓަ ވިލެޖް
* ބެސްޓް ސީއެސްއާރު ޕްރޮގްރާމް: ދުސިތް ތާނީ މޯލްޑިވްސް
* ލީޑިން އެޑްވެންޗަ ޕްރޮވައިޑާ: ބެސްޓް ޑައިވް ޕްރައިވެޓް ލިމިޑެޓް މޯލްޑިވްސް
* ލީޑިން ލިވަބޯޑް: ސްކޫބާ ސްޕާ މޯލްޑިވްސް
* ލީޑިން ބީޗް ވިނާ: މޫވެންޕިކް ރިސޯޓް ކުރެދިވަރު
* ލީޑިން ޑައިވް ސެންޓަ ބްރޭންޑް: ޑައިވް ޕޮއިންޓް މޯލްޑިވްސް
* ލީޑިން ޖީއެސްއޭ: އޭސް އޭވިއޭޝަން މޯލްޑިވްސް
* ލީޑިން ޓޫރިސްޓް ޓްރާންސްފަ ޕްރޮވައިޑާ (އެއާ): ޓްރާންސް މޯލްޑިވިއަން އެއަރވޭސް
* ލީޑިން ސަރފް ހޮޓެލް ރިސޯޓް: އަދާރަން ސެލެކްޓް ހުދުރަންފުށި
* ލީޑިން ޓްރެވެލް އެޖެންޓް އައުޓްބައުންޑް: އޭސް ޓްރެވެލް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް
* ލީޑިން ފެމިލީ ރިސޯޓް: ދުސިތް ތާނީ މޯލްޑިވްސް
* ލީޑިން ޑިޒައިނަ ހޮޓެލް ރިސޯޓް: ކޮކޫން މޯލްޑިވްސް
* ލީޑިން ޕީއެސްއޭ: އޭސް ޓްރެވެލް މޯލްޑިވްސް
* ލީޑިން ޑައިވް ރިސޯޓް: އަދާރަން ސެލެކްޓް މީދުއްޕަރު
* ލީޑިން ޔޮޓް މެރީނާ ރިސޯޓް: ކްރޮސްރޯޑް މޯލްޑިވްސް
* ލީޑިން ޓޫރިސްޓް ޕްރޮވައިޑަ ލޭންޑް އެންޑް ސީ: ޖަލްބޫޓް މޯލްޑިވްސް
* ލީޑިން ލިވަބޯޑް ބްރޭންޑް: ވޮޔޭޖަސް މޯލްޑިވްސް
* ލީޑިން އޯލް އިންކުލޫސިވް ރިސޯޓް: ހެރިޓެންސް އާރަށް
* ލީޑިން ބީޗް ރިސޯޓް: ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
* ލީޑިން ބުޓީކް ހޮޓެލް ރިސޯޓް: ރިވަރީސް މޯލްޑިވްސް
* ލީޑިން ބިސްނަސް ހޮޓެލް: މާގިރި ހޮޓެލް
* ލީޑިން އިކޯ ފްރެންޑްލީ ރިސޯޓް: ލަކްސް ސައުތު އަރި އެޓޯލް
* ލީޑިން އެފްއެންޑްބީ ރިސޯޓް: ސެންޓާރާ ގްރޭންޑް ރިސޯޓް އެންޑް ސްޕާ
* ލީޑިން ގެސްޓްހައުސް ޓޫރިސްޓް އިން: ރިވަރީސް މޯލްޑިވްސް
* ލީޑިން ލަގްޒަރީ ހޮޓެލް ރިސޯޓް: ލަކްސް ސައުތު އަރި އެޓޯލް މޯލްޑިވްސް
* ލީޑިން ވެޑިންގ ހޮޓެލް ރިސޯޓް: ކޮކޫން މޯލްޑިވްސް
* ލީޑިން ވެލްނެސް ރިސޯޓް: ހެރިޓެންސް އާރަށް
* މޮސްޓް ރޮމޭންޓިކް ރިސޯޓް: ސަމަ އައިލެންޑް މޯލްޑިވްސް
* ލީޑިން ހަނީމޫން ޑެސްޓިނޭޝަން: މޯލްޑިވްސް

މި އަހަރުގެ ސާޓާ އެވޯޑަށް ސައުތު އޭޝިއާގެ ހަ ގައުމަކުން ވާދަކުރި އެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ބަނގްލަދޭޝް އެވެ.

މި އަހަރުގެ އެވޯޑަށް 39 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލި އެވެ. އަދި އެވޯޑަށް ހަ ގައުމުން 500 އަށް ވުރެ ގިނަ ތަންތަން ނޮމިނޭޓްކުރި އެވެ. މިއަހަރުގެ ސާޓާ އެވޯޑްސް ރާއްޖެ އާއި ރާއްޖެޭން ބޭރުގެ 15 އަށް ވުރެ ގިނަ ތަންތަނުން އެންޑޯސްކޮށްފައިވެ އެވެ.