Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އަންގައިފި

ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކާއި ފާހަގަކުރާ އެކި މުނާސަބަތުތަކަށް ދަރިވަރުންގެ ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

މިފަދަ ކަންކަން އިތުރުވަމުންދާތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެކިއެކި މުނާސަބަތުތަކާއި ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ސްކޫލްތަކުން ބޮޑެތި ހޭދަތައް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ގޮތަށް ކުރާ ހޭދަތަކަށް ބޭނުންވާ ފައިސާ ސްކޫލްތަކުގެ ޕީޓީއޭ މެދުވެރިކޮށާއި އެކި ފަރާތްތަކުން ހިލޭ އެހީ އާއި ސްޕޮންސަރުގެ ގޮތުގައި ހޯދާކަން ވެސް ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އެފަދަ ކަންކަމަށް ހޭދަކުރުމަށް ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ހޯދުމާއި ބެެލެނިވެރިން ލައްވައި ބޮޑެތި ހޭދަތައް ކުރުވުމަކީ މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫން ކަމަށާއި އެ ކަންކަން އެ ގޮތަށް ކުރުމުގެ ސަބަބުން މިނިސްޓްރީއަށް ޝަކުވާ ލިބެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"ސްކޫލްތަކުން ރާވާ ހިންގޭ ކޮންމެ ހަރަކާތަކީ އެ ކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތަަކަށް ހެދުމާއި ބެލެނިވެރިން ދަރިވަރުންނަށް ޓަކައި ކުރާ ކޮންމެ ހޭދައަކީ އެ ކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މި މިނިސްޓްރީން އަބަދުވެސް ބާރު އަޅަމެވެ." ސިޓީގައިވެ އެވެ.

މިނިސްޓަރު ވަނީ ހޭދަތައް ކުރުމުގައި އިގްތިސާދުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ބާރުއަޅައި ހިތްވަރު ދޭން ޖެހޭ ކަމަށާއި މުޅި ދުނިޔެ އިގުތިސާދީ ބަނަ ވިލާގަނޑެއްގެ ތެރޭގައި އޮތް ދުވަސްވަރެއްގައި ހަރަދު ކުޑަ ކުރުމާއި އިސްރާފުކުރުން މަދުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދީ ހިތްވަރު ދިނުމުގައި ތައުލީމީ ނިޒާމުގެ ތެރެއިން ނަމޫނާ ދެއްކިދާނެ ކަމަށެވެ.