Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި

އިނގިރޭސ ޕްރިމިއާ ލީގުގައި މިއަދު އަމިއްލަ ދަނޑުގައި ކުޅެ އާސެނަލުން 3-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 8 މެޗުން ލިބުނު 21 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ހަތް މެޗުން ލިބުނު 17 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ޓޮޓެންހަމް އޮތީ 8 މެޗުން ލިބުނު 17 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ އާސެނަލުންނެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓްގައި މި ގޯލް އާސެނަލަށް ކާމިޔާބުކޮށްދިނީ ތޯމަސް ޕާޓޭ ކަމަށްވާއިރު އޭނާ މި ގޯލް ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ނަމަވެސް މެޗުގެ 31 ވަނަ މިނެޓްގައި ޓޮޓެންހަމަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ ޓޮޓެންހަމަށް ލިބުނީ އެޓީމުގެ ރިޗާލިސަން އަށް އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް ކުރި ފައުލަކާ ގުޅިގެންނެވެ.

ދެ ޓީމުވެެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އާސެނަލުން ވަނީ އަލުން ލީޑު ނަގާފަ އެވެ. ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލް އާސެނަލަށް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ.

މި ގޯލަށްފަހު ވެސް އާސެނަލުން ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 62 ވަނަ މިނެޓްގައި ރެފްރީ ވަނީ ޓޮޓެންހަމްގެ ފުލްބެކް އެމަސަން ރޯޔަލް އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެމަސަން އަށް ރަތްކާޑު ދެއްކީ އާސެނަލްގެ މާޓިނެއްލީ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ޓޮޓެންހަމުން ފުރިހަމަކުރަން ޖެހުނުއިރު މެޗުގެ 67 ވަނަ މިނެޓްގައި ގްރެނިޓް ޒަކާ ވަނީ އާސެނަލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ލިވަޕޫލްއާ އެވެ. ޓޮޓެންހަމް ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.