Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ އައްޑޫގައި

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ދުވަސްވީ މީހާ ހުރީ އައްޑޫގައިކަން އެނގޭ ހެއްޔެވެ؟ ރަސްމީ ރެކޯޑްތަކުން ދައްކާ ގޮތުގައި 109 އަހަރުގެ އެ މީހާ އަކީ ހިތަދޫ މީހެކެވެ. އެއީ އަވަށު މަންޒަރުގޭ އަލީ ހުސައިނެވެ. އޭނާ އުފަންވީ މެއި 14، 1913 ގަ އެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުވަސް އިއްޔެ ފާހަގަކުރި އިރު، އައްޑޫގައި އެކަމާ ގުޅިގެން ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަ ކަމަކަށްވީ އަލީގެ އާއިލާ އަށް ވެސް ހަރަކާތްތައް އިންތިޒާމުކުރި ފަރާތްތަކުން ޒިޔާރަތްކުރުމެވެ. ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްސް ސާވިސް ސެންޓަރުން އިންތިޒާމުކުރި ހަރަކާތުގައި އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ފުލުހުންނާއި ސިފައިންނާއި ދިރާގާއި އަދި ބައެއް ޖަމިއްޔާތަކުން ވެސް ބައިވެރިވެ އެވެ.

އެގޮތުން ދުވަސްވީ މީހުން ގޭގެ އަށް ޒިޔާރަތް އެ މީހުންގެ ހާލު ބަލައި އާއިލާގެ މީހުންނާ ބައްދަލުކޮށް ހަދިޔާ ވެސް ދީފައިވެ އެވެ. އެގޮތުން އަލީގެ އާއިލާއާ ބައްދަލުކުރުންވީ ވަރަށް ހާއްސަ ކަމަކަށެވެ. ސަބަބަކީ އޭނަ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މީހާ އަށްވުމެވެ.

ފެންނަ ފެނުމަށް ބަލާ އިރު އުމުރުން ގަރުނަކަށް ވުރެ ގިނަ ދުވަސް ވިޔަސް އަލީ ފެންނަނީ ހަމަ ވަރަށް ހެޔޮހާލުގަ އެވެ. އޭނަގެ އާއިލާއާ ބައްދަލުކުރި އިރު ދަރިންނާއި ކާފަ ދަރި ދަރިންންނާއި މުނިކާފަ ދަރިން ވެސް ބައިވެރިވި އެވެ. އަންހެނުން ވެސް ދުނިޔޭގައި ހުރި އަލީ އަށް ނުވަ ކުދިން ލިބުނު އިރު، ‏59 ކާފަދަރިން އެބަތިއްބެވެ. އަދި 80 މުނިކާފަ ކުދިން ވެސް އެބަތިއްބެވެ.