Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

"އީދި ސަމާ" އަށް ލިބުނު ފައިސާ އާއި ހަރަދު ސާފެއް ނޫން

އައްޑޫ މޭޔަރު އަލީ ނިޒާރު (ވ) އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު.

މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރި "އައްޑޫ އީދި ސަމާ" އަށް ލިބުނު ފައިސާގެ އަދާއި އަދި އެކަމަށް ކުރެވުނު ހަރަދުގެ ޖުމްލަ އަދަދެއް ވެސް ބުނެދޭނެ ނޭނގޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "އީދި ސަމާ" އަށް ކައުންސިލުން ކުރި ހަރަދާއި ލިބުނު ފައިސާ ހޯދުމަށް ހުށަހެޅުމުން ކައުންސިލުގެ ލީގަލް އެސިސްޓެންޓު ފާތިމަތު ނަދާ އަހުމަދު "އައްޑޫ ލައިވް" އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ބޮޑު އީދާ ގުޅިގެން ކުރިއަށް ދިޔަ ހަރަކާތުގެ މުއާމަލާތްތައް އަދިވެސް ނިމިފައި ނުވާ ކަމަށެވެ. އެހެންވެ ޖުމްލަ ހިނގި ހަރަދު ތަފުސީލު ބެލިފައި ނުވާ ކަމަށެވެ.

ކައުންސިލުން ބުނީ "އީދި ސަމާ" އަށް ފައިސާ ހޯދުމަށް ވިޔަފާރިތަކަށާއި ސަރުކާރު ކުންފުނިތަކަށް ފޮނުވި ސިޓީތަކަކީ ކައުންސިލްގެ އިދާރީ ސިއްރެއް ކަމަށެވެ. އެހެންވެ އެ މައުލޫމާތު ނުދެވޭނެ ކަމަށެވެ. އަދި ސްޕޮންސާ ހަމަޖެއްސި ކަމަށް އެއްވެސް ވިޔަފާރިއަކުން ކައުންސިލަށް ސިޓީއެއް ފޮނުވި ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ވެސް އެނގެން ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.

"އީދި ސަމާ" އަށް ސްޕޮންސާ ދޭނެ ކަމަށް ބުނި ބައެއް ފަރާތްތަކުން އަދިވެސް ކައުންސިލަށް ފައިސާ ނުދޭތީ ސްޕޮންސާގެ ގޮތުގައި ލިބުނު އަދަދު ވެސް ސާފު ނުވާ ކަމަށް ވެސް ނަދާގެ ސިޓީގައި ވެ އެވެ.

މީގެ އިތުރުން ވެސް ކައުންސިލުން ބުނީ މިހާތަނަށް ވެސް ގިނަ ބަޔަކަށް ފައިސާ ނުދެވި ހުރުމުން ތަފްސީލު ދިނުން ދަތި ކަމަށެވެ.

"އީދި ސަމާ" ފާހަގަ ކުރުމަށް ކައުންސިލުން ނިންމައި 200،000ރ. ކައުންސިލުގެ ބަޖެޓުން ހަރަދު ކުރުމަށް ނިންމި އެވެ. އޭގެ އިތުރުން ބާކީ ފައިސާ ހޯދުމަށް ކައުންސިލުން ނިންމީ ސްޕޮންސަރުންގެ އަތުންނެވެ.

އީދިު ފާހަގަކުރުމަށް ޖުމްލަ 3 މިލިއަން ރުފިޔާގެ ބަޖެޓެއް ކައުންސިލުން ހެދި އިރު އެ އަދަދު 5 މިލިއަނަށް ބޮޑު ކުރެވޭނެ ނަމަ އެކަންވެސް ކުރާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ކައުންސިލްގެ ޖަލްސާއެއްގައި ވިދާޅުވެފަައިވެ އެވެ.

"އީދި ސަމާ" އަށް ލިބުނު ފައިސާގެ ޖުމްލަ ނޭނގޭ ކަމަށް ކައުންސިލުން ބުނާ އިރު ހަރަދުތައް ކޮށްފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

"އައްޑޫ އީދި ސަމާ" ގެ ހަރަދުގެ މައުލޫމާތު ހޯދުމަށް ކައުންސިލަށް ހުށަހެޅި ފޯމަށް ސައްހަ މައުލޫމާތު ދީފައި ނުވާތީ އެކަމާ ގުޅޭ ސައްހަ މައުލޫމާތު ސާފުކޮށްދޭން އެދި ކައުންސިލްގެ މުރާޖައާ ކޮމެޓީ އަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައުލޫމާތު ނުލިބިއްޖެ ނަމަ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ހުށަހެޅުމަށް ވެސް މި ނޫހުން ވަނީ ނިންމައިފަ އެވެ.