Last Updated: February 5, 18:59
Sunday, February 5, 2023
ޚަބަރު

ޒައިދުގެ ބަހުގެ ހަމަލާއެއް ނަޝީދަށް

މާލޭގެ އަމީނީ މަހު ހެދުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ކަނޑާތީ އެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައި ކޯޓަށް ވަޑައިގަންނަވާތީ ޝެއިހް އަލީ ޒައިދު ފާޑު ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ގަސް ކަނޑާތީ ކަންބޮޑުވެގެން ބަޔަކު އުޅޭ އިރު، އެއްޖިންސުން ގުޅުން ހިންގާ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު ނާޅައިގެން އެ ބަޔަކު ކަންބޮޑުނުވާ ކަމަށެވެ. ޒައިދުގެ އެ ވާހަކައިގައި އިޝާރާތްކުރައްވާފައި ވަނީ ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ސާބިތުވެ، ހަތަރު މަހަށް ގޭބަންދުކަން ކުރަން ކުރި ހުކުމާ ގުޅުވައިގެންނެވެ.

އެ ހުކުމަށް ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރިން ފާޑު ވިދާޅުވެފައިވެ އެވެ.

ޒައިދުގެ ޓްވީޓްގައި ވިދާޅުވީ އިސްލާމް ދީނުގައި ހަރަންކޮށްފައިވާ ނުބައި އަމަލެއް ކޮށްގެން ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެފަދަ މުޖުރިމުން ސަލާމަތްކުރުން މައްސަލައަކަށް ވެސް ނުވާ ކަމަށެވެ. އަދި އެއީ އަޖާއިބެން ނޫންތޯ ވެސް ވިދާޅުވެފައިވެ އެވެ.

"އަމީނީ މަގުން ގަހެއް ކަނޑާތީތޯ ކަންބޮޑުވެ ދެ ލޮލަށް ނިދި ނައިސްގެން އުޅުއްވާ ބޭފުޅުންނަށް ލިވާތުގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ މައްސަލައަކަށް ނުވޭ." އޭނާ ވިދާޅުވި އެވެ.

އަމީނީ މަގު ހަދަން އެ މަގުގައި ހުރި ގަސްތައް ކަނޑާތީ އެ މައްސަލަ ނަޝީދު ކޯޓަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގެ ފަހުކޮޅު އެވެ.