Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

ހެއްކާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ފޮނުވައިފި

މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް އެކުލަވާލި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެކުލަވާލި ބިލު އެޓާނީ ޖެނެރަލް އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން އެ ބިލް ރައީސް އޮފީހަށް ފޮނުވީ ބުރާސްފަތި ދުވަހު އެވެ.

އެ އޮފީހުން ބިލަށް ގެންނަ އިސްލާހު އެކުލަވާލާފައި ވަނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކުށްތައް ބަޔާންކޮށް ދީފައި ނުވާ އިރު، އެފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެތީ ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އޭޖީ އޮފީހުން ބުނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން އިސްލާހުގައި ތަފްސީލުކޮށް ދީފައި ވާނެ ކަމަށެވެ. މީގެ އިތުރުން ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަން ޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

ނޫސްވެރިންނާއި މީޑިއާތަކުންނާއި އެ މީހުން ތަމްސީލުކުރާ ޖަމިއްޔާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ހެއްކާ ބެހޭ ބިލް މަޖިލީހުން ފާސްކުރީ ޖޫން މަހުގެ 30 ގަ އެވެ. އަދި އެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ ޖުލައި 18 ގަ އެވެ.

އޭގެ ފަހުން އެ ބިލް އިސްލާހުކޮށް ދެއްވަން މަސައްކަތްކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ޖުލައި މަހުގެ 31 ގަ އެވެ.