Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އިންޑިއާ އިން އިތުރު 100 މިލިއަން ޑޮލަރު

އިންޑިއާ އިން ރާއްޖެ އަށް ދޭން ނިންމި 100 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވެއްމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ފޯރުކޮށްދޭ 100 މިލިއަން ޑޮލަރު މި އެހީ ދިނުމުގެ އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަ ނިރްމިތު ވެޑް އެވެ.

ރާއްޖޭގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

އިންޑިއާއިން ލައިން އޮފް ކްރެޑިޓްގެ ތެރެއިން އިތުރު 100 މިލިއަން ޑޮލަރު ދޭން ނިންމިކަން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އިންޑިއާ އިން ދިން އެހީ އަކީ ރާއްޖޭގައި މިހާރު ހިނގަމުންދާ ޢުމްރާނީ ތަރައްގީގެ މުހިންމު ގިނަ މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީއެކެވެ.