Last Updated: July 12, 13:47
Saturday, July 12, 2025
މުނިފޫހިފިލުވުން

ވިލިސްގެ މޫނުގެ ރައިޓްސް ވިއްކައެއް ނުލާ

ބައްޔަކާ ހެދި އެކްޓްކުރުން ހުއްޓާލިކަން މިދިޔަ މާޗް މަހު އިއުލާންކުރި ހޮލީވުޑްގެ މަޝްހޫރު ތަރި ބްރޫސް ވިލިސްގެ މޫނުގެ ރައިޓްސް ރަޝިއާގެ ޓެކް ކުންފުންޏަކަށް ވިއްކި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.

މި ވާހަކައެއް ދެކެވެން ފެށީ ރަޝިއާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުންޏެއް ކަމަށްވާ ޑީޕްކޭކް އިން "ވިލިސް" ދައްކުވައިދޭ އިޝްތިހާރެއް މިދިޔަ އަހަރު އާންމުކުރުމާ ގުޅިގެންނެވެ. އެ އިޝްތިހާރަކީ ރަޝިއާގެ މުވާސަލަތީ ކުންފުންޏެއް ކަމަށްވާ މެގަފޯންގެ އިޝްތިހާރެކެވެ.

އޭގައި "ވިލިސް" އާއި އެހެން މީހަކު ވާތަކުން އައްސާފައިވާ ތަން ދައްކުވައިދެ އެވެ. އެކަމަކު އެ ވީޑިއޯގައި ފެންނަ "ވިލިއަސް" އަކީ އޭނަގެ މޫނުގެ ފީޗާތައް ބޭނުންކޮށްފެން އޭއައިގެ އެހީގައި ތައްޔާރުކޮށްފައިވާ ވާޗުއަލް މީހެކެވެ.

މިކަމާ ގުޅިގެން ވިލިސްގެ ތަރުޖަމާނު ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނީ 67 އަހަރުގެ އެކްޓަރުގެ މޫނުގެ ރައިޓްސް އެއްވެސް ކުންފުންޏަކަށް ވިއްކާލާފައި ނުވާނެ ކަމަށާއި އެފަދަ އެއްވެސް އެއްބަސްވުމެއް ވެސް ހަދާފައި ނުވާނެ ކަމަށެވެ. އެކަމަކު އޭނަގެ މޫނުގެ ރައިޓްސް ވިއްކާލި ކަމަށް ބުނެ އެ ވާހަކަ ވަރަށް ހގިނަ މީޑިއާތަކުން މިދިުަ ހަފުތާގައި ރިޕޯޓްކުރި އެވެ. އަދި އެއީ މިހާތަނަށް އެފަދަ ރައިޓްސްއެއް ވިއްކާލި ފުރަތަމަ ފިލްމީ ތަރި ކަމަށް ވެސް ޓެލެގްރާފުން ބުންޏެވެ.

ނަމަވެސް އެފަދަ އެއްބަސްވުމެއް އެއްވެސް ފަރާތަކާ އެކީ ހަދާފައި ނުވާނެ ކަމަށް ވިލިސްގެ ފަރާތުން ބުނި ނަމަވެސް ޑީޕްކޭކް އިން ބުނި ގޮތުގައި އެތަނުން "ވިލިސް" އުފެއްދީ އޭނަގެ ފުރިހަމަ ރުހުމާ އެކީގަ އެވެ.

"ޑައި ހާޑް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިލިސް އެކްޓްކުރުން ހުއްޓާލަން ނިންމީ އަފޭޒިއާ ކިޔާ ބައްޔަކާ ހެދި އެވެ. މީގެ ސަބަބުން ސިކުނޑި އަށް ކުރާ އަސަރުތަކާ ގުޅިގެން މުއާމަލާތްކުރުން ފަދަ ކަންކަމަށް ހުރަސްއެޅެ އެވެ. އަފޭޒިއާ އާންމުކޮށް ކުރިމަތިވަނީ ސްޓްރޯކެއް ޖެހުމާއި ސިކުނޑީގައި ޓިއުމަރެއް އުފެދުމުގެ އިތުރަށް ބޮލަށް ލިބޭ ސީރިއަސް ގެއްލުން ފަދަ ކަންކަމާ ގުޅިގެންނެވެ.