އައްޑޫގެ މަގުތައް ހަދަން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން މީދޫގެ މަގުތައް ހެދުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފި އެވެ.
މިކަމުގެ ތައްޔާރީތައްވެފައިވާތީ މަގު ހަދާ ކުންފުނި، އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާ އާއި މީދޫ އަވަށު އޮފީހާ ދެމެދު މިއަދު މިކަމާ ގުޅޭ ގޮތުން މަޝްވަތާތަކެއް ވެސްކޮށްފައިވެ އެވެ. އެ މަޝްވަރާތަކުގައި އަވަށު އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކައުންސިލަރު އައިމިނަތު ސާލިހާ އެވެ.
މާދަމާ މަގުތައް ހަދަން ފަށާނީ މީދޫ އަވަށު އޮފީހުން ވަނީ މަސައްކަތް އެންމެ ފުރަތަމަ ފަށާނެ ސަރަހައްދު އަންގައިދޭ ޗާޓެއް ވެސް އާންމުކޮށްފަ އެވެ. އަދި އަވަށު އޮފީހުން ބުނީ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރު މަގު ކޮނުމާއި މަގުތައް ބަންދުކުރުމާއި ވަގުތީ ގޮތުން ބައެއް އަސާސީ ޚިދުމަތްތައް މެދުކަނޑާލަން ޖެހުން ފަދަ ކަންކަމުން ދިމާވެދާނެ ކަމަށެވެ.
"އަދި މިފަދަ ކަންކަމުގައި އެންމެހައި ރައްޔިތުންގެ ފަރާތުން ކެތްތެރިވެވަޑައިގެން އެއްބާރުލުން ދެއްވުން އެދި ދަންނަވަން. މީދޫގެ މަގު ހެދުމުގެ މަސައްކަތް މި އޮފީހުން ގާތުން ބަލަމުންދާނެ ކަމުގައިވެސް ދަންނަވަން." އަވަށު އޮފީހުން ބުންޏެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް އެންމެ ބޮޑަށް މަސައްކަތް ކުރިއަށް ގޮސްފައި އޮތީ ހިތަދު އާއި ފޭދޫގަ އެވެ. އަދި މިހާރު މަރަދޫގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހަދަން ހަމަޖެހިފައިވެ. އަދި މަސައްކަތް ނިންމާ ގޮތަށް އޮތީ ދެ އަހަރުގެ ތެރޭގަ އެވެ.
މަގު ހެދުމުގެ މަސައްކަތް އެފްކޮންސް އިން ފެށި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.