Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

އަޒްހާންގެ ހަށިގަނޑު އޮތީ ކުނިވެފައި، ޕޯސްޓްމޯޓަމް ހަދަނީ

ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، މުޙައްމަދު އަޛުހާން (27އ)-

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ އެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސް ބިމުން ކަމަށާއި މިއީ އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި ހަށިގަނޑަށް އަނިޔާއެއް ލިބިފައިވާކަން މިވަގުތު ބުނަން ދަތި ކަމަށާއި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި މިހާތަނަށް ބެލި ބެލުމުން ހަށިގަނޑު ވަޅުލުން ފަދަ ކަމެއް ކުރަން އުޅެފައިވާކަން އެނގެން ނެތް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ. އަދި އެއްވެސް މީހަކަށް މިހާތަނަށް ތުހުމަތު ކުރެވިފައި ނުވާ ކަމަށާއި އަޒްހާންގެ ފޯނު ވެސް އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އަޒްހާން ،27، ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ 19:00ހާއިރު އެވެ.

ފުލުހުން މީގެކުރިން ބުނިގޮތުގައި މިހާތަނަށް ބެލި ބެލުމުން އަޒުހާން ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓްހައުސް އިން ކާރެއްގައި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށް ގޮސް، އެޓަވަރަށް އެރުމަށްފަހު ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް އެނބުރި ގޮސްފައިވެ އެވެ.

އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އަދި އެންމެފަހުން އަޒުހާން ފެނިފައިވާ ސަރަހައްދު ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން އެ ސަރަހައްދަކީ ފޭސް އެކެއްގެ "ރެޑްބުލް ދަނޑު" ސަރަހައްދު ކަމަށް ފުލުހުން ހާމަކުރެ އެވެ.