Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ޓޫރިޒަމްގެ އިތުބާރު ހިފެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް

ފަތުރުވެރިކަމުގެ އިތުބާރު ހިފެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ޤައުމީ ވާޖިބެއް ކަމަށެވެ.

"އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުޤުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުން. މިޖަޒީރާތަކަށް ފަތުރުވެރިން ޝައުޤުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މިރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން. އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުން ވެސް ސަމާލުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށް އައި ކުއްލި ބަދަލާއި، ރާއްޖޭގެ ތަރައްޤީގައި ފަތުރުވެރިކަން އަދާކުރާ ދައުރަށް ބަލާއިރު، 50 އަހަރުވެގެން ދިޔައިރު، ފަތުރުވެރިކަމުގެ ޤައުމީ ދުވަހެއް ފާހަގަނުކޮށް އޮތީ ކޮން ސަބަބަކާ ހުރެތޯ ހިތުގައި ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަން ހަމައެކަނި ސުވާލު މާކެއްގެ ގޮތުގައި ބޭއްވުން ރަނގަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން 50 އަހަރު ފަހުން ވިޔަސް، އެކަން ކުރަން ފެށުމަކީ ހެޔޮ ފާލެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، މި ޞިނާޢަތުގެ ހުރިހާ ފަންތިއަކާއި ހުރިހާ ގިންތިއެއްގެ ބޭފުޅުން އެއްތަން ކުރައްވައި، އެ ބޭފުޅުންގެ އަގުވަޒަންކުރެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމަށާއި، މަޓީގެ ޗެއާމަން އެމް.ޔޫ މަނިކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.