Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަމާޒަކީ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އެއާޕޯޓެއް އޮތުން

އަމާޒަކީ ކޮންމެ ރަށަކުން 30-20 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ ތެރެއިންވެސް އެންމެ މުހިންމީ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ކަމަށާއި މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްޤީ މިހާރު ލޯމައްޗަށް ފާޅުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހަނިމާދޫ އެއާޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެވޭއިރު އައްޑޫ ގަން އެއާޕޯޓްގެ ފެންވަރު މަތިކުރަމުން އަދި ހުވަދުއަތޮޅަށް ވެސް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20-30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވައިގެ ބަނދަރުތައް ތަރައްޤީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރްޓީއެލް ފެރީތަކުން ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުޞަތުތަކެއް އޮންނާނީ ހުޅުވިފައި ކަމަށެވެ. އަދި އޭރުން ތުރާކުނު އިރުމަތީ ވަތްހޭލާ ފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާ އެންމެ ރަށެއް ވެސް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.