Last Updated: April 19, 11:14
Friday, April 19, 2024
މުނިފޫހިފިލުވުން

"އާދިޕުރުޝް" ގެ ޓީޒާ އަށް ޖޯކް ޖަހަނީ

ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "އާދިޕުރުޝް" ގެ ޓީޒާ އިއްޔެ ދައްކައިލުމާ އެކީ އެއަށް ވަރަށް ގިނަ ބަޔަކު ޖޯކް ޖަހަން ފަށައިފި އެވެ.

އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައިއުޅޭ ހުރާފީ ވާހަކައެއް ކަމަށްވާ "ރާމަޔަން" އަށް ބިނާކޮށް ހަދާފައިވާ ފިލްމުގެ ޓީޒާ ގިނަ ބަޔަކަށް ޖޯކަކަށްވީ އޭގައި ހިމެނޭ ވީއެފްއެކްސް ނުވަތަ ސްޕެޝަލް އިފެކްޓްސް މި ޒަމާނަށް ނުފެތޭތީ އެވެ. އެގޮތުން ޓީޒާ ފެނިގެން ދިޔަ ބައެއް މަންޒަރުތަކާއި ކެރެކްޓާތައް ވައްތަރީ އާދައިގެ ކާޓޫނަކުން ފެންނަ ކަހަލަ އެނިމޭޝަންތަކާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ.

ނަމަވެސް ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި އަނެއްކޮޅުން އިންޑިއާގެ ފިލްމުތަކުން މިހާރު ވަރަށް މޮޅެތި ވީއެފްއެކްސް ގެނެސްދޭ ދުވަސްވަރެއްގައި "އާދިޕުރުޝް" ގެ ވީއެފްއެކްސް ވަރަށް ފީކަޅާ ކަމަށާއި މިއީ އުންމީދު ވެސް ކުރި ކަހަލަ ކަމެއް ނޫން ކަމަށް ބުނެ އެތައް ބަޔަކު ސޯޝަލް މިޑިއާގައި އަންނަނީ ފިލްމަށް ޖޯކް ޖަހަމުންނެވެ.

ބައެއް މީހުން ބުނި ގޮތުގައި ޓީޒާ "ކާޓޫނުކަމުން" މިހާރު ދެން މުޅި ފިލްމުގެ ވީއެފްއެކްސް އޮންނާނެ ގޮތުގެ ފެންވަރު ވަޒަންކޮށްލެވިއްޖެ އެވެ. އަދި މިއީ ޕްރަބާސްގެ ފިލްމަކަށްވެފައި ގިނަ ބަޔަކު އެއަށް އިންތިޒާރުކުރަމުން ދަނިކޮށް މާޔޫސްކުރުވި ކަމަށް ވެސް ބައެއް ފޭނުން ބުނެފައިވެ އެވެ.

"އާދިޕުރުޝް" އަކީ 2020 ގައި އަޖޭ ދޭވްގަންއާ އެކު ގެނެސްދީގެން ނެޝަނަލް އެވޯޑް ވެސް ހޯދި "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރައުތުގެ ފިލްމެކެވެ. އެ ފިލްމަކީ ތިން ނެޝަނަލް އެވޯޑްގެ އިތުރުން ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު ވީއެފްއެކްސްގެ އެވޯޑް ވެސް ހޯދި ފިލްމެކެވެ.

އެކަމަކު ވީއެފްއެކްސްއިން އެވޯޑް ހޯދި ފިލްމުގެ ޑައިރެކްޓަރުގެ "އާދިޕުރުޝް" ގެ ވީއެފްއެކްސް ފީކަޅާވުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރު ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 12 ގަ އެވެ.

މީގެ ކާސްޓްގައި ކްރިތީ ސެނަން އާއި ސައިފް އަލީ ޚާނާއި ސަނީ ސިންގް އާއި ސޮނާލް ޗޯހަން އަދި ވަތުސަލް ސޭތު ހިމެނެ އެވެ. "އާދިޕުރުޝް" އަކީ ގާތްގަނޑަކަށް 500 ކްރޯޑް ރުޕީސް (61.1 މިލިއަން ޑޮލަރު) ގަ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.