Last Updated: July 5, 20:34
Saturday, July 5, 2025
މުނިފޫހިފިލުވުން

ކާޖޮލްގެ އާ ފިލްމު ޑިސެމްބަރުގައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ އާ ފިލްމު "ސަލާމް ވެންކީ" މި އަހަރުގެ ޑިސެމްބަރު މަހުގެ 9 ގައި ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

ފިލްމަށް ތާރީހެއް ހަމަޖެހުނު ވާހަކަ ކާޖޮލް ސޯޝަލް މީޑިއާގައި ވެސް މިއަދު ހިއްސާކޮށްފައިވެ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާގެ "ސަލާމް ވެންކީ" އަކީ ސަލްމާން ޚާނާ އެކީ 1990 ގެ ފިލްމު "ލަވް" ކުޅުނު ބަތަލާ ރިވަތީ ޑައިރެކްޓްކޮށްފައިވާ ފެމިލީ ޑްރާމާއެކެވެ. މީގައި ކިޔައިދޭނީ މަޔަކާއި ފިރިހެން ދަރިއެއްގެ ވާހަކަ އެވެ.

"ސަލާން ވެންކީ" ގެ ކާސްޓްގައި ވިޝާލް ޖެތުވާ، އަހާނާ ކުމްރާ، ރާހުލް ބޯސް، ރަޖީވް ކަންޑެލްވާލް (ސޫޖަލް) އަދި އާނަންތު މަހާދޭވަން ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ވަރަށް ހާއްސަ ފެނިލުމެއްގައި އާމިރު ޚާން ވެސް ހިމެނެ އެވެ.

ކާޖޮލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު "ތުރިބާންގާ" އިންނެވެ. އަޖޭ ދޭވްގަންގެ އަންހެނުން މިހާރު އަންނަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ސީރީޒް "ދަ ގުޑް ވައިފް" ގެ މަސައްކަތް ވެސް ކުރަމުންނެވެ.