Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އެމްއެމްޕީއާރްސީ އިއުތިރާފު އެއްބަސްވުން ހެދީ ފައިސާ ލިބޭގޮތަކަށް ނޫން

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު - ފޮޓޯ: މިހާރު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އިއުތިރާފު އެއްބަސްވުން ހަދާފައި ވަނީ ގެއްލިފައިވާ ފައިސާ، ދައުލަތަށް ފައިސާ ލިބޭގޮތަށް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތްކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން މުއިއްޒު ވަނީ ބޮޑު ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދުމުގެ އެންމެ މައްސަލައެއްވެސް ކޯޓަށް ހުށަހެޅިފައިވޭތޯ ސުވާލު ކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ "މުގުލުގައި" ތިބި މީހުނާއެކު އިއުތިރާފު އެއްބަސްވުން ހަދާފައިވަނީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބޭ ގޮތަށް ނޫން ކަމަށެވެ.

"ދައުލަތުގެ މަސްލަހަތު ރައްކާތެރި ކުރެވިފައެއް ނުވޭ." މުއިއްޒު ވިދާޅުވިއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ބައެއް ތަން ތަނުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބި ހުރުމަކީ ބޮޑޫ ގޮންޖެހުމެއް ކަމަށެވެ. އަދި ރަށްތަކާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ވިއްކާލިއިރު، އޭގެ ތެރެއިން ބައެއް ތަން ތަނުގެ އަގު ވެސް ދައުލަތަށް ނުލިބޭ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެ ތަން ތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުއީ ކޯޓުތައް މެދުވެރިކޮށް މި އަންނަނީ ކުރަމުން ކަމަށާއި، އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އިއުތިރާފުވެފައިވާއިރު، ގެއްލުނު ފައިސާ ހޯދުމަށް އެމީހުންގެ މައްޗަށް އިތުރު ދައުވާއެއް ކޮށްފައެއް ނުވެއެވެ.