Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

އެންމެ ގިނައިން ސައި ބޮނީ ތުރުކީގައި

މިހާރު ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ސައި ބޮނީ ތުރުކީގައި ކަމަށް އިންޓަނޭޝަނަލް ޓީ ކޮމިޓީ (އައިޓީސީ) އިން ބުނެފި އެވެ.

އެތަނުން ބުނި ގޮތުގައި ތުރުކީގެ ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ވެސް ސަޔަކީ ވަރަށް މަގުބޫލު ބުއިމެކެވެ. އެގޮތުން ގައުމުގެ ރައްޔިތުން ތެރެއިން ކޮންމެ މީހަކު އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް 1،300 ތަށި ސައި ބޮއެވެ. ސައިފަތުން އެ އަދަދު ކިރާ ނަމަ އެ މީހަކަށް ގާތްގަނޑަކަށް 3.16 ކިލޯގްރާމްގެ ސައިފަތެވެ.

އައިޓީސީން ބުނި ގޮތުގައި ތުރުކީގެ އާބާދީ ސައި ބޯ ނިސްބަތަށް ބަލާ އިރު، ދުވާލެއްގެ މައްޗަށް މީހަކު އެވްރެޖްކޮށް 3-4 ތަށި ސައި ބޮއެވެ. އަދި ފިނި މޫސުމުގައި އަދަދު 10 އަށް ވެސް އަރަ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ މީހުންގެ މެދުގައި ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ވެސް މަޝްހޫރު ތުރުކީ އަކީ މެހުމާނުންނަށް މަރުހަބާ ކިޔުމުގައި ވެސް އެ މީހުންގެ އާދަކާދަ އާއި ސަގާފަތުގެ ތެރެއިން ސަޔަށް ވަރަށް އިސްކަންދޭ ގައުމެކެވެ. އައިޓީސީ ބުނި ގޮތުގައި ތުރުކީގައި އެންމެ މަގުބޫލީ ކަޅު ސައެވެ. މީގެ އިތުރުން ރޯޒްހިޕް ޓީ އާއި ލިންޑެން ފްލާވާ ޓީ ފަދަ ރަހަތައް ވެސް އާންމުންގެ ތެރޭގައި މަގުބޫލެވެ.

ތުރުކީއާ އެކު އެންމެ ގިނައިން ސައިބޯ ފަސް ގައުމުގެ ތެރޭގައި ދެން ހިމެނެނީ އަޔަލޭންޑާއި އިނގިރޭސިވިލާތާއި ރަޝިއާގެ އިތުރުން މޮރޮކޯ އެވެ.

ސަޔަކީ މުޅި ދުނިޔޭގައި ވެސް މަޝްހޫރު އަދި ވަރަށް އާންމު ބުއިމެކެވެ. އެހެންވެ އައިޓީސީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ސައި ނުބޯ ގައުމެއް ދުނިޔޭގައި ނެތެވެ. އަދި މިއީ ސިއްހީ ފައިދާތައް ވެސް ގިނަ ބުއިމެކެވެ.