ބޮލީވުޑްގެ އެކްޓަރު ރަންދީޕް ހޫޑާ ޑައިރެކްޝަނަށް ނުކުމެއްޖެ އެވެ.
"ޖިސްމު 2" އާއި "މާޑާ 3" ގެ އިތުރުން "ހައިވޭ" އާއި "ސަރަބްޖީތު" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު ޑައިރެކްޝަނަށް ނުކުތީ އޭނަ ލީޑް ރޯލު ވެސް ކުޅޭ ބައޮގްރަފިކަލް ޑްރާމާ "ސުވަތަންތީރާ ވީރު ސަވަރްކަރް" އާ އެކީގަ އެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ އަދި ލިޔުންތެރިޔާ ވިނާޔަކް ދަމޯދާރު ސަވަރްކަރް އަށް ބިނާކޮށް ހަދާ އެއްޗެކެވެ.
މި ފިލްމު ޑައިރެކްޓްކޮށް ކުޅުމުގެ އިތުރަށް ރަންދީޕަކީ މީގެ ސްކްރީންޕްލޭގައި ހިއްސާވުމުގެ އިތުރަށް ފިލްމުގެ ޕްރޮޑިއުސަރެއް ވެސް މެ އެވެ.
މިދިޔަ އަހަރު އިއުލާންކުރި "ސުވަތަންތީރާ ވީރު ސަވަރްކަރް" އަކީ ކުރިން މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކުރާ ގޮތަށް އޮތް ފިލްމެކެވެ. އެކަމަކު މިދިޔަ އަހަރު ސަލްމާން ޚާންގެ "އަންތިމް: ދަ ފައިނަލް ޓުރުތު" ވެސް ހެދި ޑައިރެކްޓަރު މިދިޔަ ހަފުތާގައި ވަނީ ރަންދީޕްގެ ފިލްމު ދޫކޮށްލައިފަ އެވެ. އެހެންވެ އޭގެ ޑައިރެކްޝަނާ ރަންދީޕް ހަވާލުވީ އެވެ.
ހޮލީވުޑް އެކްޓަރު ކްރިސް ހެމްސްވޯތުގެ 2020 ގެ "އެކްސްޓްރެކްޝަން" ގެ ރޯލެއް ވެސް ކުޅުނު ރަންދީޕްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަންފެއާ އެންޑް ލަވްލީ" ހިމެނެ އެވެ.