Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޔާމީނާއި ރިލްވާންގެ މަރާގުޅޭ 3 މީހެއްގެ ބަންދު ދަމަހައްޓައިފި

ޔާމީން އާއި ރިލްވާން މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން (ކ-ވ), އަހްމަދު މުއާޒް, އަހްމަދު އިސްމާއިލް (އަހަނދު)، އަދި އިސްމާއިލް އަބްދުއްރަހީމް (އިސޫ)

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިިނަލް ކޯޓުން ނިންމި ނިންމުން ދަމަހައްޓައިފިއެވެ.

ރިލްވާން އާއި ޔާމީންގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30،، ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ)، 40، އަދި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39، އެވެ.

މި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިދިޔަ ބްރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ނިންމާފައިވާ ނިންމުން ދަމަހައްޓާފައެވެ.

މިމައްސަލައިގައި އިސޫގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ. އަދި ގަޓު މުއާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ކަމަށްވާއިރު އަހަނދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.

މަރު ކޮމިޝަނުން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ބުނެފަ އެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 އޮގަސްޓް 7 ވަނަ ދުވަހު އެވެ.

މީގެތެރޭގައި ހިމެނޭ އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާންއުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިންވެސް ހައްޔަރުކުރި މީހެކެވެ. އިސޫގެ ވާހަކަ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ތައްޔާރު ކުރި "ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓު" ގައިވެސް ފާހަގަ ކޮށްފައިވެއެވެ.

ރިލްވާންގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.

އަނިޔާވެރި ގޮތަކަށް ޔާމީން މަރާލާފައިވަނީ 2017 ވަނަ އަހަރު އެވެ. ޔާމީންގެ މަރާއި ގުޅިގެން ހަ މީހަކަށް ދައުވާކޮށްފައިވާއިރު އޭގެތެރެއިން ކުށް ސާބިތުވީ އެންމެ ދެ މީހެއްގެ މައްޗަށެވެ.