Last Updated: March 28, 14:17
Thursday, March 28, 2024
ރިޕޯޓް

އެންމެންގެ ސުވާލު: "ދެ ހަފުތާވީ އިރު އެތަން ނުބެލީ ކީއްވެ؟"

ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، މުޙައްމަދު އަޛުހާން (27އ)-

ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ގެއްލިގެން ފުލުހުން ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެފަހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނިއިރު، އިއްޔަ ލިބުނު ހަބަރަކީ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނު ވާހަކައެވެ. މިއާއެކު މިމައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާގޮތާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދާ ފާޑުކިޔަމުންނެވެ.

އަޒުހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ، އެންމެފަހުން އަޒުހާން ފެނިފައިވާ ސަރަހައްދު ވެސް ދެނެގަނެވިފައިވާ ކަމަށާއި، އެ ސަރަހައްދަކީ ފޭސް އެކެއްގެ "ރެޑްބުލް ދަނޑު" ސަރަހައްދު ކަމަށެވެ. އަޒްހާންގެ ހަށިގަނޑު ރޭ ފެނިފައިވަނީވެސް އެ ސަރަހައްދާ މާދުރުނޫން ހިސާބަކުންނެވެ. ނިރޮޅު މަގުގެ ކަނާތް ފަރާތުން ބޯކޮށް ގަސް ހެދިފައިވާ ހިސާބުންނެވެ.

އަޒްހާންގެ ހަށިގަނޑު ފެނުނުއިރު، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. ހަށިގަނޑު ގިނަ ދުވަސްވެފައިއޮތުމުން ފުލުހުންވެސް ބުނެފައިވަނީ އެއީ އަޒުހާންގެ ހަށީގަނޑުކަން ޔަގީންކޮށް ބުނެވޭނީ ޕޯސްޓްމޯޓަމަކަށް ފަހުގައި ކަމަށާއި، އަޒުހާންގެ ހަށިގަނޑަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މިއާއެކު ގިނަ ބައެއްގެ ނުރުހުން އަދި ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ، "އެންމެފަހުން ފެނުންތަނާ އިންވެގެން އޮތް 200 މީޓަރު ހަމަނުވާ ‘ދަނޑުވިނަ’ ކޮއްޓެއް ބަލާނުލެވި 2 ހަފްތާ ވުމަކީ ފަރުވާ ކުޑަކަމުގެ އިންތިހާ" ކަމަށް ވިދާޅުވެފައެވެ.

އިލްމުވެރިޔާ އަލީ ޒައިދުވެސް ސޯޝަލްމީޑިއާގައި ހިޔާލުފާޅުކުރައްވާފައިވަނީ ހަމަ މި މޭރުމުންނެވެ. އެގޮތުން "ދެ ހަފްތާ ވީއިރު އެތަން ނުބެއްލެވީ ކީއްވެތޯ؟ އެތަނަކީ ތިޔަބުނާހާ ބޯ ނުވަތާ ބޮޑު ޖަންގައްޔެއްވެސް ނޫން ދެއްތޯ؟" އޭ ވިދާޅުވެ ޒައިދުވެސް ނުރުހުން ފާޅުކުރައްވާފައިވެއެވެ.

މީގެއިތުރުންވެސް އެތައް ބައެއްގެ ކަންބޮޑުވުމާއި ސުވާލުތައް ސޯޝަލްމީޑިއާގައި ބަންޑުން ކުރަމުން އަންނަނީ، "ދެ ހަފުތާ ވީއިރު އެތަން ނުބެލީ ކީއްވެ؟" މިފަދައިންނެވެ.

މިފަދަ ކަންކަމުގައި ކަންބޮޑުވުން އިތުރުވެ ސުވާލުތައް ކުރެވެނީ، މިފަދަ ކަންކަމުގައި ރައްޔިތުން އެދެވޭފަދަ ގޮތެއްގައި ތަހުގީގީ އިދާރާތަކަށް މަސައްކަތް ނުކުރެވޭތީއެވެ. އަދި މިކަންކަމުގެ އަޑި ނުހޯދި ރައްޔިތުންގެ ހިތަށް ތަސައްލީއެއް ނުލިބޭނަމަ، މިފަދަ ކަންކަން ތަކުރާރުވެ އާންމު ވެދާނެ ކަމުމުގެ ބިރު ރައްޔިތުންގެ ހިތުގައި އޮތީތީއެވެ.