Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ސަލާން ޖަހައިގެން ވެސް ހިތަދޫ ފްލެޓްތަކުގެ މައްސަލަ ހައްލުނުވި

އައްޑޫ ހިތަދޫ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހާފައިވާތީ އެ މައްސަލަ ހައްލުކޮށްދޭން މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ ރަޝީދު ގޮވާލައިފި އެވެ.

ހިތަދޫ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހާފައިވާތީ އެކަން ހައްލު ނުވެ ގިނަ ދުވަސްތަކެއް ވަމުންދާތީ އާންމުންގެ ޝަކުވާތައް އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ފްލެޓްތަކުގެ މަހު ކުލީގެ އިތުރަށް ފްލެޓްވެރިންގެ އަތުން މެއިންޓަނެންސް އަށް 550ރ. ނަގަ އެވެ.

މިކަމާ ގުޅިގެން ކައުންސިލަރު އަދާލާ ފްލެޓްތަކުގެ ފޮޓޯތައް ހިއްސާކުރަމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އައްޑޫގަ އެތައް ބަޔަކު ދިރިއުޅެމުންދާ ފްލެޓްތަކުގެ ހާލަތު ކަމަށާއި ރެއިލިންގައި ދަބަރުޖަހާ ވީރާނާވެފައިވާއިރު މިތަން މިހާރު ހުރީ މީހުން ދިރިއުޅެން ރައްކާތެރި ހާލަތުގައި ނޫންކަމަށް ކަމާއިބެހޭ ހުރިހާ ފަރާތްތަކާއި ވާހަކަ ދެކެވިފައިވާ ކަމަށެވެ.

"މިކަމާ އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެ، މޭޔާރ، މަޖްލިސް މެމްބަރުން، ޕްލޭނިންގ މިނިސްޓަރ އަދި މިނިސްޓްރީގެ އެކި ލެވެލް ތަކުގެ ބޭފުޅުންނަށް އާދޭސް ދެންނެވިފައި ވާއިރު އަދިވެސް ހައްލެއް ލިބޭތަން ނުފެންނާތީވެ އިންތިހާއަށް ކަންބޮޑުވޭ." އަދާލާ ވިދާޅުވި އެވެ.

އަދާލާ ވިދާޅުވީ ފްލެޓްތަކުގެ މެއިންޓެނަސް އަށް ލިބޭ ފައިސާ އިން އެތަނުގެ ލީކިން މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިފައިވާއިރު ރެއިލިން ބަދަލުކުރުން ފަދަ ބިޔަ ޕްރޮޖެކްޓެއް މި ފައިސާއިން ކުުރެވޭނެ ގޮތެއް ނެތިގެން މިނިސްޓްރީ އަށް އެކަން އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން މިނިސްޓްރީން ކުރެވުނު ތިން އިއުލާންވެސް ބާތިލް ކުރެވި މި މަސައްކަތް ލަސްވަމުންދާތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި އާދޭސް ދަންނަވަން." އަދާލާ ވިދާޅުވި އެވެ.

ހިތަދޫގައި 264 ފްލެޓް އަޅާފައިވާ އިރު، މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ފްލެޓްތަކެކެވެ.

ހިތަދޫ ފްލެޓްތަކުގެ ރެއިލިންތަކުގައި ދަބަރު ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތަށް ދިމާވަނީ ފްލެޓްތައް ހުރީ މޫދާ ވެސް ފުދޭ ވަރެއްގެ ކައިރީ ހިސާބަކަށްވުމުން ލޮނުގެ އަސަރުކުރާތީ އެވެ.