Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ސިޔާސީ ދައުވާތަކުން ފެންނަނީ ފިނޑިކަން

ޑރ. ޖަމީލް، ފޮޓޯ: މިހާރު

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލަށް ދައުވާ ކުރަން ފޮނުވުމާ ގުޅިގެން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލް ވިދާޅުވީ އިންސާފުގެ ނަމުގައި ފެންނަނީ މުޑުދާރު އަމަލުތައް ކަމަށެވެ. ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާ އުފުލިއިރު ވެންޓިލޭޓަރުގެ ހިޔާނާތާއި އެއްޖިންސުން ޖިންސީ ގުޅުން ހިންގި މީހުންނަށް ހައްގު އަދަބު ނުދިނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

ރާއްޖޭގައި ހުއްޓުމެއް ނެތި ހިނގަމުންދާ ރަހުމްކުޑަ މަރުގެ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ނުބަލާ އޮތީ ކީއްވެގެންތޯ ވެސް ޖަމީލް ސުވާލު ކުރެއްވި އެވެ.

"ސިޔާސީ ދަޢުވާތަކުން ފެންނަނީ ފިނޑިކަން." ޖަމީލް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަޙައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ދައުވާކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލާގައި މުހައްމަދު އިސްމާއިލަށް އުފުލާފައިވަނީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގައި ދައުވާ އެވެ. މި މައްސަލާގައި ދައުވާ ކުރި މީހުންގެ ތެރޭގައި ޝެއިހު އާދަމް ނިޝާން އާއި ޝެއިހު ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ. އެ ދެ ޝައިހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ އެވެ.