Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަޒުހާންގެ ތަހުގީގާ މެދު އުފެދޭ: އެމްއާރްއެމް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ރައީސް އޮފީސް

ހުޅުމާލޭން މުހައްމަދު އަޒްހާންގެ ހޯދުމަށް ކުރިއަށް ގެންދިޔަ ތަހުގީގާމެދު އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.

އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އިއްޔެ ހަވީރު ހުޅުމާލެ އިން ފެނިފައިވާއިރު އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އަޒްހާންގެ މަރުގެ މައްސަލަ ފުލުހުން "ހޮމިސައިޑް" ތަހުގީގެއްގެ ގޮތުގައި ބަލަމުން އަންނަ އިރު އޭނާ ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގާ މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ.

އެގޮތުން އަޒްހާން ގެއްލިގެން ރިޕޯޓު ކުރުމުން އޭނާ ހޯދުމަށް ފުލުހުން އެ ސަރަހައްދު ރަނގަޅަށް ބަލާ ފާސްކުރިތޯ އާއި އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދާ ކިހައި ކައިރި ސަރަހައްދަކުންތޯ އާއި ހަށިގަނޑު ފެނިފައިވާ ސަރަހައްދު އެންމެ ފުރަތަމަ ފުލުހުން ހޯދީ ކޮން ދުވަހަކުތޯ ސުވާލު އުފެދިފައިވާ ކަމަށް އެމްއާރްއެމް އިން ބުނެ އެވެ.

"އެހެން ކަމުން މި މައްސަލައިގެ ތަހުގީގު ފުލުހުން ހިންގާފައިވަނީ އެންމެ ފުރިހަމައަށްތޯ ބަލައި ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ފުލުހުންގެ ބޯޑަށް ގޮވާލަމެވެ." އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.

ފުލުހުން ރޭ ބުނީ އެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސް ބިމުން ކަމަށާއި މިއީ އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި ހަށިގަނޑަށް އަނިޔާއެއް ލިބިފައިވާކަން މިވަގުތު ބުނަން ދަތި ކަމަށާއި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި މިހާތަނަށް ބެލި ބެލުމުން ހަށިގަނޑު ވަޅުލުން ފަދަ ކަމެއް ކުރަން އުޅެފައިވާކަން އެނގެން ނެތް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ. އަދި އެއްވެސް މީހަކަށް މިހާތަނަށް ތުހުމަތު ކުރެވިފައި ނުވާ ކަމަށާއި އަޒްހާންގެ ފޯނު ވެސް އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އަޒްހާން ،27، ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ 19:00ހާއިރު އެވެ.