Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ގެސްޓްހައުސް ވިޔަފާރި އަލުން އަނބުރާ ގެނެސްދިނީ ނަޝީދު

ގެސްޓްހައުސް ވިޔަފާރި އަލުން އަނބުރާ ގެނެސްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރަން ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ރިސޯޓާއެކު މަދުން ނަމަވެސް ސަފާރީ އުޅަނދުފަހަރާއި ގެސްޓްހައުސް އަދި ޑައިވިން ސެންޓަރުތައް މާލެއާ ކައިރި ބައެއް ރަށްރަށުގައި ހުޅުވިގެންދިޔަ ކަމަށެވެ.

އޭގެތެރޭގައި ކ.ހުރާ، ހިންމަފުށި، ތުލުސްދޫ ހިމެނޭ ކަމަށާއި އަދި މާލެއާ ދުރުން ނ.ވެލިދޫ ފަދަ ބައެއް ރަށްރަށުގައި މިފަދަ ސިނާއަތްތައް ފެށިގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަދުވެސް ވެލިދޫއާ ފަތުރުވެރިކަމާ ދެމެދު އޮތް ގާތްކަމަކީ އެ ރަށާއި ދިވެހި ފަތުރުވެރިކަމުގެ ޒަމާންވީ ގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުން މުޅިން އެއްކޮށް ހުއްޓުމަކަށް އައި މަންޒަރު ފެނިގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު ގެސްޓްހައުސްތައް މުޅި ރާއްޖެ އަށް ފެތުރިގެންދިޔައީ 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބޮޑު ބަދަލާއި ގުޅިގެން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ އެކަމަށްޓަކާ ނަޝީދަށް ޝުކުރު ދަންނަވާފަ އެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިއަދު ރާއްޖެ އަކީ ހުރިހާ ފަންތިއަކާ ގުޅިފައި އޮތް މުޅި ދުނިޔެއިން ގަބޫލުކުރާ މަންޒިލެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އެކަމަށްޓަކާ ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.