Last Updated: April 26, 10:11
Friday, April 26, 2024
ޚަބަރު

ރާއްޖެއަށް އާ ސިނާއަތެއް އުފަން ކުރަން މަސައްކަތް ފަށާ

ރާއްޖެ އަށް އާ ސިނާއަތެއް އުފަން ކުރުމަށް މަސައްކަތް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޒުވާނުންނަށް ގޮވާލައްވައިފި އެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވެންޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ފަތުރުވެރިކަމުން ލިބިދޭ އެއް ފިލާވަޅަކީ ބަޔަކު ދުވަހަކު ޚިޔާލަށް ވެސް ނުގެންނަ، އަދި އެއްގޮތަކަށް މި ރާއްޖޭގައި ނެތް ކަމެއް ވެސް، ދިވެހިންގެ ތެރޭގައި ތަރައްޤީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެކަން ކަމަށެވެ.

އެކަމަށް ބޭނުންވަނީ ޓޫރިޒަމްގެ ބާނީން ކަމަށްވާ އަހުމަދު ނަސީމްގެ އެ ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންނާއި އެމް.ޔޫ މަނިކުގެ ދެ ގޮތެއް ނުވާ ޢަޒުމާއި، ސާބިތުކަން ހުރި، ދިވެހި ދަރިން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދުމުގައި ޢަފީފްގެ އެ ހުރި ފަންވަރާއި ބުންވަރު ހުރި ދިވެހި ޒުވާނުން ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެފަދަ ކިތަންމެ ޒުވާނުންނެއް މިހާރުވެސް ތިބޭނެ ކަމަށާއި ބޭނުންވަނީ ޙާޞިލްކުރާ ޢިލްމުގެ އަލީގައި، ތިމާގެ ސިކުނޑީގައި އީޖާދީ ވިސްނުން އުފަންކުރުވައި ކަންކަމާ މެދު ދެކޭގޮތާއި ވިސްނާ ގޮތް ބަދަލުކުރުން ކަމަށެވެ.

"ރާއްޖޭގެ ޒުވާން ޖީލަށް އަޅުގަނޑު މިއަދު ބުނެލަން ބޭނުންވަނީ، ދިވެހިރާއްޖެއަށް އައު ކޮންމެވެސް ޞިނާޢަތެއް، އައު އުފެއްދުމެއް ނުވަތަ އައު އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރައްވާށޭ. މުޅި ޤައުމަށް ބޭނުން ހިފޭފަދަ މުޅިން އައު ކަމަކާ މެދު ވިސްނުން ހިންގަން ފަށާށޭ. އިރާދަކުރެއްވިއްޔާ ކާމިޔާބީގެ މަގު ފެންނާނެ." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ޞިނާޢަތްތަކަށް ސަރުކާރުން ނުވަދެ އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ ވެސް ފެންނަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޞިނާޢަތަކަށް ދިވެހި ފަތުރުވެރިކަން ވެގެންދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.