Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޓޫރިޒަމްގެ ރަން ދުވަސްވަރު އަދި އޮތީ ކުރިއަށް

ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރު އަދި އޮތީ ކުރިއަށް ކަމަށް ޔުނިވާސަލް އެންޓްޕަރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ގޯލްޑަން އިޔަރ ގާލާ އިވެންޓުގައި ވާހަކަދައްކަމުން އުމަރު މަނިކު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން ތަރައްގީކުރާ ބައިނަލްއަގުވާމީ އެއާޕޯޓްތަކާއެކު ޓޫރިޒަމް އިތުރަށް ކުރިއަރައިގެންދާނެެ ކަމަށާއި އަދި ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށެވެ.

"ރާއްޖޭގައި ދެ ހަބު އެ އުފެދެނީ. އައްޑޫ އަތޮޅުގައި އެއް އެއާޕޯޓު ދެން ހަނިމާދޫގައި. ހަނިމާދޫ ވާނެ ނޯތުގެ ހަބަކަށް. މީގެ ކުރިން ނޯތުގައި ވަރަށް ދަށްކޮށް އޮތީ ފަތުރުވެރިކަން. ނަމަވެސް ދެން ސަރުކާރުން 8،000 ބެޑު އެޅުއްވީމަ މުޅިތަން އެއްކޮށް ދިރޭނެ. ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރު އެ އަންނަނީ އަދި ކިރިޔާ." އުމަރު މަނިކު ވިދާޅުވި އެވެ.

އުމަރު މަނިކު ވިދާޅުވީ ޓޫރިޒަމްގެ ރަން ދުވަސްވަރު އައުމުން ރާއްޖޭގެ އިގްތިސާދު ދެ ގުނައަށް މައްޗަށް ޖެހިގެން ދާނެ ކަމަށެވެ. އަދި ކުރިން އަޅާނުލައި އޮތް އުތުރުގައި ޓޫރިޒަމް ކުރިއަރުވަން މި ސަރުކާރުން މަސައްކަތް ކުރައްވާތީ އުމަރު މަނިކު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާފަ އެވެ. މިއީ ފެށުމެއް ކަމަށާއި މީގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އުތުރުގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.