Last Updated: April 23, 18:00
Tuesday, April 23, 2024
މުނިފޫހިފިލުވުން

"ބްލެކް ޕެންތާ 2" ގެ އާ ޓްރެއިލާއެއް

ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުން މި އަހަރު އެންމެ ބޮޑަށް އިންތިޒާކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބްލެކް ޕެންތާ 2" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

"ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" ގެ ނަން ދީފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ. މިއީ 2018 ގައި ޑައިރެކްޓަރު ރަޔަން ކޫގްލޫ ގެނެސްދިން ބޮޑު ހިޓް "ބްލެކް ޕެންތާ" ގެ ދެވަނަ އެވެ. އެކަމަކު މި ފަހަރުގެ ފިލްމުން ބެލުން އެންމެ މިސްވާނެ އެކަކީ ކުރީގެ ފިލްމުގައި ޓައިޓްލް ރޯލު ކުޅުނު ޗާޑް ބޯސްމަން އެވެ. އޭނާ ވަނީ 2020 ގައި ކެންސަރު ބަލީގައި މަރުވެފަ އެވެ.

ނަމަވެސް "ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" އިން ބޯސްމަންގެ ހަނދާންތަކެއް އާކޮށްދޭނެ އެވެ.

މާވެލް ސްޓޫޑިއޯގެ މި ފިލްމު ބެލުންތެރިންނާ ދޫކޮށްލާ ވަގުތު ކުޑަތަންވަމުން އަންނަ އިރު، އާ ފިލްމުން ވެސް ކުރީގެ ފިލްމުގެ މުހިއްމު ބައެއް ކާސްޓުން ފެންނާނެ އެވެ. އޭގެ ތެރޭގައި ލެޓީޝިއާ ރައިޓް، ލުޕިޓާ ނިއޮންގޯ، ވިސްޓަން ޑޫކް، އެންޖެލާ ބެސޭ އަދި ޑާނިއާ ގްރީރާ ފަދަ ތަރިން ހިމެނެ އެވެ.

ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން "ބްލެކް ޕެންތާ" އަކީ ބޮކްސް އޮފީހުގައި 1.348 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމަކަށްވާތީ ދެވަނަ ބަޔަކީ އަދި އެއަށް ވުރެ ކާމިޔާބު ފިލްމަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.