Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އަޅުގަނޑަކީ ބޮޑާ، ކިބުރުވެރި މީހެއް ނޫން: މަހުލޫފް

އެއްވެސް އިރެއްގައި އޭނަ އަކީ ބޮޑާ އަދި ކިބުރުވެރި މީހެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫޒް ވިދާޅުވެއްވެ އެވެ.

ކައްދޫ އެއާޕޯޓްގައި ސެކިއުރިޓީ އަކު މަހްލޫފް ޗެކްކުރި މައްސަލާގައި ކޯފާއިސްވެ، އެކަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުން އެ މުވައްޒަފު މުއްދަތަށް ނެތް ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނައާ ގުޅުވާފައި ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

"ވަރަށް ގިނައިން އެކި ކަންކޮޅުތަކަށް ދަތުރުކުރަން. ގަވައިދުގެ ތެރެއިން ކޮންމެ ފަހަރަކު ވެސް ސެކިއުރިޓީ ޗެކް ކުރޭ. މިރޭ ވެސް ކޫއްޑޫން ޗެކްކުރި. ޗެކްކުރާކަން އެންމެ ރަނގަޅަށް އިނގޭނީ އެއަޕޯޓުތަކުގެ ސެކިއުރިޓީ އޮފިސަރުންނަށް،" މަހުލޫފް ވިދާޅުވި އެވެ. "ބޮޑާކަމަކީ އަޅުގަނޑު ގައިގައި ހުންނަ ސިފައެއް ނޫން."

އޭނާ ވިދާޅުވީ އެއާޕޯޓެއްގައި ޗެކްކޮށްގެން ދުވަހަކު ވެސް އިހުތިރާމް ކުޑަވާ ގޮތަށް ވެސް މުއާމަލާތްކޮށްފައި ނުވާނެ ކަމަށެވެ.

މަހުލޫފު މި މޭރުމުން ޓްވީޓްކުރެއްވި ނަމަވެސް އޭނަ އަކީ އަބަދު ވެސް ވަރަށް ދެއްކުންތެރި މީހެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އެގޮތުން އަމިއްލަ ޒާތީ ކަންކަމާއި މިނިސްޓަރަކަށް ވަޑައިގަތް ފަހުން މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރައްވާ ކަންކަން ވެސް ދެއްކުންތެރި ގޮތަށް ކުރައްވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެހެންވެ މިފަދަ ސަބަބުތަކާ ހެދި މަހުލޫފަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ މީހެކެވެ.