Last Updated: March 29, 16:28
Friday, March 29, 2024
ވިޔަފާރި

އެންމެ މަގުބޫލީ ގަތަރު އެއާވޭސް

ދުނިޔޭގެ އެއާލައިންތަކުގެ ތެރެއިން މި ވަގުތު އާންމުންގެ އެންމެ މަގުބޫލު އެއާލައިންސްގެ މަގާމު، ގަތަރު އެއާވޭސް އަށް އަނެއްކާ ވެސް ލިބިއްޖެ އެވެ.

އެއާލައިންތަކާއި އެއާޕޯޓްތަކުގެ ހިދުމަތްތައް ރިވިއުކުރާ އިނގިރޭސިވިލާތުގެ ސްކައިޓްރެކްސް އިން މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން މި އަހަރުގެ އޮގަސްޓާ ދެމެދު އެންމެ މަގުބޫލު އެއާލައިނަކީ ކޮބައިތޯ ބެލުމަށް 100 ގައުމެއްގެ 14 މިލިއަން މީހުންނާ ސުވާލުކޮށްގެން ކުރިއަށް ގެންދިޔަ ސާވޭ އިން ދައްކާ ގޮތުގައި މި ވަގުތު ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިނަކީ މެދުއިރުމައްޗަށް ނިސްބަތްވާ ކުރިއަރާފައިވާ ގައުމު ގަތަރުގެ، ގަތަރު އެއާވޭސް އެވެ.

އެ ގައުމަކީ މި އަހަރުގެ ވޯލްޑް ކަޕް ވެސް ބާއްވަން ހަމަޖެހިފައިވާ ގައުމެވެ. އެހެންވެ އެއާ އެކީ ގަތަރު އެއާވޭސްގެ މަގުބޫލުކަން އިތުރަށް ބޮޑުވާނެ އެވެ. އެގޮތުން 1999 ގައި "ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް" ތައާރަފުކުރި ފަހުން މިހާތަނަށް ގަތަރު އެއާލައިނަށް އެންމެ މަގުބޫލު އެއާލައިންގެ މަގާމު ހަތް ފަހަރު ލިބިފައިވެ އެވެ.

މި ފަހަރުގެ އެވޯޑްސްގައި އެ އެއާލައިނަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި އެންމެ ބެސްޓް ބިޒްނެސް ކްލާސް، ބެސްޓް ބިޒްނެސް ކްލާސް ސީޓް އަދި ބެސްޓް ބިޒްނެސް ކްލާސް ލައުންޖް ޑައިނިން ހިމެނެ އެވެ.

މީގެ އިތުރުން މީގެ ދެ މަސް ކުރިން އެއާލައިން ރޭޓިން.ކޮމްގެ އެންމެ މަގުބޫލު އެއާލައިންގެ މަގާމު ވެސް ގަތަރު އެއާވޭސް އަށް ލިބިފައިވެ އެވެ.

ގަތަރު އެއާވޭސް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބަކްރު ވިދާޅުވި ގޮތުގައި ވައިގެ ހިދުމަތުން ގަތަރު އެއާވޭސް ހޯދަމުން އަންނަ ބޮޑު ކާމިޔާބީތަކުގެ ސިއްރަކީ އެއާލައިންގެ ހިތްވަރު ގަދަ މުވައްޒަފުންނެވެ.

"މި އެއާލައިނަށް ފަންސަވީސް އަހަރު ފުރުނު އަހަރުގަިއ ވެސް އެންމެ މަގުބޫލު އެއާލައިންގެ މަގާމު ލިބުމަކީ ވަކިން ބޮޑު އުފަލެއް. އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އޭނާ ވިދާޅުވި އެވެ.

ސްކައިޓްރެކްސްގެ ސާވޭ އަށް ބަލާ އިރު އެންމެ މަގުބޫލު 10 އެއާލައިންގެ ލިސްޓްގެ ގަދަ ތިނެއްގައި ހިމެނެނީ ގަތަރު އެއާވޭސް އާއި ސިންގަޕޫރް އެއާލައިންސްގެ އިތުރުން އެމިރޭޓްސް އެވެ. ލިސްޓް ދެން ތަރުތީބު ވަނީ މިގޮތަށެވެ؛ އަނާ އޯލް ނިޕޯން އެއާލައިންސް، ގަންޓަސް އެއާލައިންސް، ޖަޕާން އެއާލައިންސް، ތުރުކިޝް އެއާލައިންސް، އެއާ ފްރާންސް، ކޮރެއަން އެއާ އަދި ސްވިސް އިންޓަނޭޝަނަލް އެއާލައިންސް އެވެ.

ދުނިޔޭގެ 173 މަންޒިލަކަށް އުދުހޭ ގަތަރު އެއާވޭސްގެ ފްލީޓްގެ އަދަދަކީ 234 އެވެ. އެއާލައިންސްގެ މުވައްޒަފުންގެ އަދަދު 50،110 އަށް ވުރެ ގިނަ އެވެ.