Last Updated: July 10, 06:03
Thursday, July 10, 2025
މުނިފޫހިފިލުވުން

މަލައިކާ ވެސް ކައިވެންޏަށް ތައްޔާރެއް ނޫން!

ކައިވެންޏަށް އަދިވެސް ތައްޔާރު ނޫން ކަމަށް ލޯބިވެރިޔާ އަރުޖުން ކަޕޫރް ބުނެފައި ވަނިކޮށް ހަމަ އެ މޭރުމުން މަލައިކާ އަރޯރާ ވެސް ވާހަކަ ދައްކައިފި އެވެ.

މި ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ހަތަރު އަހަރެއްހާ ދުވަސްވެފައިވާ އިރު، ކައިވެންޏަށް ތައްޔާރުވާކަމުގެ އަޑުތަކެއް ވެސް ދޭތެެރެ ދޭތެރެއިން އަރަ އެވެ. ނަމަވެސް އަރުޖުން ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ކައިވެންޏަށް އަދިވެސް ތައްޔާރު ނޫން ކަމަށާއި ފޯކަސް އަކީ ކެރިއަރު ކަމަށެވެ.

އަރުޖުން، 37، އަކީ އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ އަދި ހަމައެކަނި ފިރިހެން ކުއްޖާ އެވެ. އޭނަގެ ލޯބިވެރިޔާ މަލައިކާ، 48، އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅައިލީ 2017 ގަ އެވެ. އަދި ކައިވެންޏަށް ދަރިއަކު ވެސް އެބަހުއްޓެވެ. އެއީ 19 އަހަރުގެ އަރުހާން ޚާނެވެ.

"މަސާލާ" މެގަޒިން އަށް ދިން އިންޓަވިއުއެއްގައި މަލައިކާ ބުނީ ކައިވެންޏަކީ ގަބޫލުކުރާ އަދި ވަރަށް ހިތްގައިމު ގުޅުމެއް ކަމަށެވެ. އެކަމަކު އަވަސް އަރުވާލައިގެން ކައިވެނިކުރަން ބޭނުން ނުވާ ކަމަށާއި އެކަމަށް ތައްޔާރު ވެސް ނޫން ކަމަށް ބުންޏެވެ.

"އެއްވެސް ޕްރެޝަރަކާ ހެދި ކައިވެނިކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން. ބައެއް ފަހަރު އާންމުންގެ ފަރާތުންނާއި މައިންބަފައިންގެ ފަރާތުން އަންނަ ޕްރެޝަރުތަކާ ހެދި ކައިވެނިކުރަން މަޖުބޫރުވޭ،" މަލަކައިކާ ބުންޏެވެ. "އެކަމަކު އެއީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. ބަޔަކު ޕްރެޝަރުކުރާތީ ކައިވެނި އަވަސްކުރާކަށް ވެސް ނުޖެހޭ. އެކަން ކުރަން ވާނީ އެކަން ކުރަން ދެ މީހަކު ބޭނުންވާ ސަބަބުތަކަކާ ހަމައަށް އާދެވުނީމަ. އެހެންވެ މި ވަގުތަކު އަހަރެން ކައިވެންޏަށް ތައްޔާރެއް ނޫން."

އޭނަ ބުނި ގޮތުގައި އަރުޖުންއާ އޮތް ގުޅުން ވަރަށް ބަދަހި އެވެ. މަލަކައިކާ ސިފަކުރި ގޮތުގައި އަރުޖުން އަކީ މިހާރު އެންމެ ގާތް ބައިވެރިޔާ އެވެ.

"އެއީ އަހަރެންސް ބެސްޓްފްރެންޑް އަދި އަހަންނަށް މިހާރު ކަންކަމުގައި އެންމެ ހިތްވަރުދޭ މީހާ. އަދި އޭނަ އަކީ މިހާރު އަހަރެން ދައްކަން ބޭނުންވާ ކޮންމެ ކަހަލަ ވާހަކައެއް ވެސް ދައްކަން ޖެހިލުމެއް ނުވާ މީހާ،" މަލައިކާ ބުންޏެވެ. "އެހެންވެ ހަގީގަތުގައި އަހަރެމެންގެ ދެ މީހުންގެ ދޭތެރޭގައި އޮތް ގުޅުން ވަރަށް ބަދަހި، ވަރަށް ލޯބި."

އަރުޖުން މި ވަގުތު ފިލްމެއްގެ ޝޫޓިން އަށް އިނގިރޭސިވިލާތުގައި ހުރި އިރު، މީގެ ދެ ދުވަހެއް ކުރިން އޭނަ ގާތަށް މަލައިކާ ފުރައިގެން ގޮސްފައިވެ އެވެ.

ކުރީގެ ކައިވެނި ރޫޅުމާ ބެހޭ ގޮތުން މަލައިކާ ބުނީ އޭނަ އެކަމާ ހިތާމަނުކުރާ ކަމަށާއި ހަޔާތުގައި މިހާތަނަށް ނިންމި އެއްވެސް ނިންމުމަކާ ދޭތެރޭ "ރެގްރެޓްނުވާ" ކަމަށެވެ. އަދި ދަރިފުޅުގެ ބައްޕައާ ވަކިވިޔަސް، އެ ދެ މީހުންދެ މެގުގައި އޮންނަ ގުޅުން ވެސް ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.